ސަލްމާންގެ ''ބީވީ ނަމްބަރު 1'' ރީމޭކްގައި ވެސް ވަރުން

ކިޔުމަށް ހޭދަވާނީ 1މ 16ސ
ސަލްމާންގެ ''ބީވީ ނަމްބަރު 1'' ރީމޭކްގައި ވެސް ވަރުން
ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ 'ބީވީ ނަމްބަރު 1' ގެ ރީމޭކް ފިލްމުގެ މަސައްކަތް ވެސް ވަރުން ދާވަންއަށް ލިބެއްޖެއެވެ.

ވަރުން ދާވަންގެ ބައްޕަ، ޑޭވިޑް ދާވަން ޑައިރެކްޓްކުރި 'ބީވީ ނަމްބަރު 1' ގެ ރީމޭކް ފިލްމުގެ މަސައްކަތް ވަރުން އަށް ލިބުނުއިރު، ވަރުން ވަނީ ޑޭވިޑް ޑައިރެކްޓްކުރި ސަލްމާންގެ ފިލްމު 'ޖުޅުވާ' ގެ ރީމޭކް ފިލްމު 'ޖުޅުވާ 2' ގައި ވެސް ސަލްމާންގެ ރޯލް އަދާކޮށްފައެވެ.

'ޖުޅުވާ 2' ގައި ވަރުން ދެއްކި އެކްޓިންއާ މެދު ގިނަ ބަޔަކު ތައުރީފުކޮށްފައިވާއިރު، މި ފިލްމު ވަނީ ބޮކްސް އޮފީސްގައި ރަނގަޅު ކާމިޔާބީއެއް ހޯދައިފައެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ބުނެފައިވަނީ 'ބީވީ ނަމްބަރު 1' ގެ ރީމޭކް ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ސްކްރިޕްޓް ނިމުމާއެކު ފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާނެކަމަށެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާނެ އެހެން ތަރިންތައް ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ނިމުމުން އިއުލާންކުރާނެކަމަށް ވެސް ޑޭވިޑް ބުންޏެވެ.

1999 ވަނަ އަހަރު ނުކުތް ހެއްވާ މަޖާ ފިލްމު 'ބީވީ ނަމްބަރު 1' ގައި ސަލްމާންގެ އިތުރުން ލީޑު ރޯލްތަކުން ހަރަކާތްތެރިވެފައިވަނީ ކަރިޝްމާ ކަޕޫރު، ސުޝްމީތާ ސެން، އަނިލް ކަޕޫރު، އަދި ޓަބޫއެވެ.
މިއަދު އޮންލައިން