އޫރިދޫ ދިވެހި ޕްރެމިއާ ލީގުގައި ށ.މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ބ.އޭދަފުއްޓަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ އިބްރާހިމް އިޝާން (ސައްޓު)، ޓީސީ ސްޕޯޓްސް ކްލަބްއަށް ސޮއިކޮށްފިއެވެ.
ސައްޓު ވަނީ ށ.މިލަންދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ކުޅުނު 13 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 5 މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައެވެ.
އުމުރުން 29 އަހަރުގެ ސައްޓު ޓީސީއަށް ސޮއިކުރީ، ނިއު ރޭޑިއަންޓްއުން ވެސް އޭނާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށެވެ. ސައްޓު ކުރިން ބުނެފައިވަނީ ވެސް އެންމެ ބޮޑަށް ސަޕޯޓްކުރަމުން އައި ޓީމަކީ ނިއު ރޭޑިއަންޓްކަމަށެވެ.
ސައްޓުއަކީ އަންނަ ސީޒަނަށް އެހެން ޓީމަކުން ޓީސީއަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އަންނަ ސީޒަންގައި އޭއެފްސީ ކަޕުން ޖާގަ ލިބިފައިވާ ޓީސީއިން ޓީމު ވަރުގަދަކުރުމަށްޓަކައި ވަނީ ހުސައިން ނާއިޒު (ދާދު) ފިޔަވައި މުހިއްމު އެހެން ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފައެވެ. ދާދު ވަނީ އަންނަ ސީޒަންގައި މާޒިޔާއާ ގުޅެން ނިންމައިފައެވެ.
ޓީސީއާއެކު ސައްޓު ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.