ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްއިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މާޒިޔާއާއި ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސްގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުފައެވެ. އެ ގޮތުން މާޒިޔާގެ އިބްރާހިމް އަތީގް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް އީގަލްސްގެ ގޯލްކީޕަރު މުހައްމަދު އަޝްވާން ވަނީ ދިފާއުކޮށްފައެވެ. އަދި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ލިބުނު ގިނަ ފުރުސަތުތަކުގައި އޭނާ ފޮނުވާލި ހަމަލާތައް ގޯލާ ސީދާވާ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ގދ.ތިނަދޫއާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗު ވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މި މެޗުތަކުގެ ނަތީޖާއާއެކު މުބާރާތުގެ ތާވަލުގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. މާޒިޔާއާއި ދެވަނައިގައި އޮތް އީގަލްސްއަށް ވެސް 4 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް ކުރި ލިބެނީ ލަނޑު ފަރަޤުން ކުރީގައި އޮވެގެންނެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް ހުރިހާ ޓީމަކާ އެއްފަހަރު ބައްދަލުކުރާގޮތަށް ލީގު ބުރެއްގެ ގޮތުގައި ކުޅެ، އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ މާޒިޔާއާއި ތިނަދޫއެވެ. މާދަމާ ރޭ ބައްދަލުކުރާނީ އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ.