ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް، ފަލަސްޠީނުގެ މައްސަލަތައް ހައްލުކޮށްދިނުމަށް އީޔޫގެ ޤައުމުތަކުގެ ކިބައިން އެދިވަދައިގަތުމުން އަރަބި ބައެއް ޤައުމުތަކުން ގެންދަނީ ސުވާލުތައް ކުރިމަތިކުރުވަމުންނެވެ.
މަޙްމޫދު ޢައްބާސް ފަރަންސޭސިވިލާތުގެ ރައީސް އާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ޔޫރަޕުގެ ޤައުމުތަކާއި ފަރަންސޭސިވިލާތުން ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިވުމަށް އެދިވަޑައިގެންފައެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ މަޙްމޫދު ޢައްބާސް މިކަމަށް އެދިވަދައިގަތީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. މެދުވެރިއެއްގެ ދައުރު އަދާކުރަން އެމެރިކާއިން ކުރި މަސައްކަތްތައް ފެއިލްވުމުން ކަމަށެވެ. އަދި އެމެރިކާގެ ކިބައިން އިޚްލާޞްތެރިކަން ދެން ނުފެންނާނެކަން ޔަޤީންވުމުން ކަމަށެވެ.
މުސްލިމުންގެ މައްސަލަތައް ހައްލުކުރުމުގެ ބާރު މުސްލިމުންނަށް ނެތިގެން ދިއުމުން އެހެން ޤައުމުތަކުގައި ސަލާންޖަހަން ޖެހެނީ ކަމަށާއި މިކަމުން ވެސް އެނގިގެންދަނީ މުސްލިމް ޤައުމުތަކުގައި އެއްވެސް އާރެއް ބާރެއް ނެތްކަން ކަމަށް ގިނަ ބައަކު ބުނެއެވެ. އިޒްރޭލުން ފަލަސްޠީނާއި ސީރިޔާގެ ބިންތަކަށް ވެރިވެގަނެގެން ތިބޭތާ ބައި ޤަރުނުވީއެވެ. 50 އަހަރު ފުރުނީއެވެ. ނަމަވެސް މުސްލިމް ޤައުމުތަކަށް އެކަމާއި ދެކޮޅަށް ކުރެވުނު ހަމައެއްވެސް ކަމެއް މިއަދާއި ހަމައަށް ވެސް ފެންނާކަށް ނެތެވެ.
އިޒްރޭލަށް ބާރުދެއްކެނީ އެމެރިކާގެ މަދަދާއި އެހީތެރިކަން ލިބޭތީއެވެ. އެހެންކަމާއިއެކުވެސް މުސްލިމް ޤައުމުތައް މިއަދު ވަނީ އެމެރިކާއަށް އަޅުވެތިވެފައެވެ. އެމެރިކާ ބުނާ ގޮތަކަށް ނޫން ގޮތަކަށް ފިޔަވަޅެއްވެސް އެޅެން ނެތް މިންވަރަށް އަޅުވެތިވެފައެވެ.
ހަމައެއާއިއެކު މިއަހަރު ފެނިގެން މިދަނީ ބާރުގަދަ އަރަބި ޤައުމުތަކުން އިޒްރޭލާއިއެކު ގުޅުން ބަދަހިކުރާތަނެވެ. ސިއްރިޔާތުގައި ނަމަވެސް އެކަން ގެންދަނީ ކުރަމުންނެވެ. ރައްޔިތުން ނުކުމެ ސަރުކާރުތައް ވައްޓައިލައިފާނެ ކަމުގެ ބިރު އޮތުމުން ފައުޅުގައި ފަގުޑީގައި ގޮސް "އޮޅުލައިގަންނަން" އަދި ނުކެރިގެން އުޅެނީއެވެ.