ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
ލައިބީރީއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައި، ކުރިއަށް އެބަ ދެއެވެ.

ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ %50 އަށްވުރެ ގިނައިން ލިބިފައިނުވާއިރު، ލައިބީރިއާގެ ޤާނޫނު އަސާސީގައިވާ ގޮތުން ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ %50 އަޤްލަބިއްޔަތު ނުލިބޭނަމަ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ޖެހެއެވެ.

ލައިބީރީއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވިއިރު، ފުރަތަމަ ބުރުން ކުރި ހޯއްދެވީ ޑެމޮކްރެޓިކް ޗޭންޖް ކޯލިޝަންގެ ކެންޑިޑޭޓް އަދި ލައިބީރީއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ތަރި ޖެއޯޖް ވިއާއެެވެ. ވިއާ ވަނީ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ %38 ކާމިޔާބުކުރައްވައިފައެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ވިއާއާ ވާދަކުރައްވަނީ ވެރިކަންކުރާ ޔުނިޓީ ޕާޓީގެ ކެންޑިޑޭޓް އަދި މިދިޔަ 12 އަހަރު ވަންދެން އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޖޮސެފް ބޮކާއީއެވެ. ފުރަތަމަ ބުރުގައި ބޮކާއީއަށް ވަނީ %29 ވޯޓު ލިބިވަޑައިގެންފައެވެ.

ލައިބީރިއާގެ ވެރިކަމުގައި މިހާރު ހުންނެވީ އަންހެން ކަނބަލެކެވެ.އެ ޤައުމުގައި ވެރިކަންކުރެއްވި ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭކަނބަލަކީ އެލެން ޖޯސެން ސާލީފުއެވެ. އެލެންއަކީ 2006 ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ ރައީސާއެވެ.
މިއަދު އޮންލައިން