ދެ މިނެޓު ލަހުން ދަނޑަށް ނުކުތުމުން އޭއެފްސީއިން ރާއްޖެ ޖޫރިމަނާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
ދެ މިނެޓު ލަހުން ދަނޑަށް ނުކުތުމުން އޭއެފްސީއިން ރާއްޖެ ޖޫރިމަނާކޮށްފި
އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގައި ދެވަނަ ހާފަށް ދަނޑަށް ނުކުންނަން ޖެހޭ ވަގުތަށްވުރެ ދެ މިނެޓު ލަހުން ދިވެހި ޤައުމީ ކުޅުންތެރިން ނުކުތުމުން، އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީއިން ރާއްޖެ ޤައުމީ ޓީމު ޖޫރިމަނާކުރަން ނިންމައިފިއެވެ.

އޭއެފްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭއެފްސީ އެޝިއާ ކަޕް ކޮލިފައިންގައި ރާއްޖެއާއި ފަލަސްތީނު ކުޅުނު މެޗުގެ ދެވަނަ ހާފަށް ރާއްޖޭގެ ކުޅުންތެރިން ދަނޑަށް ނުކުތީ، ދަނޑަށް ނުކުންނަން ކަނޑައަޅާފައިވާ ވަގުތަށްވުރެ ދެ މިނެޓު ލަހުންކަމަށެވެ. އެހެންވުމުން، ދިވެހި ޓީމު 1500 އެމެރިކާ ޑޮލަރު (23130 ދިވެހި ރުފިޔާ) އިން ޖޫރިމަނާކުރަން ނިންމާފައިވާކަމަށް އޭއެފްސީގެ ބަޔާނުގައިވެއެވެ. އަދި އޭއެފްސީއިން ވަނީ ޖޫރިމަނާދައްކަން ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްއަށް 30 ދުވަހުގެ މުހުލަތެއްދީފައެވެ.

އޭއެފްސީއިން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ 16 އަހަރުންދަށުގެ ޤައުމީ ޓީމު ވެސް ޖޫރިމަނާކޮށްފައެވެ. އެއީ ދަނޑުމަތީގައި އަހުލާޤީ ފެންވަރު ދަށް އަމަލުތަކެއް ޓީމުގެ ކުޅުންތެރިޔެއްގެ ފަރާތުން ފެނުމުންނެވެ. އެ ކުޅުންތެރިޔާ ވަނީ އޭއެފްސީ އަންޑަ 16 ޗެމްޕިއަންޝިޕްގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުތް މެޗުގައި، ތަޖިކިސްތާނު ކުޅުންތެރިއެއްގެ ކަކުލުގައި ގަސްތުގައި ޖަހައި ފަހުން އެ ކުޅުންތެރިޔާ ކޮށްޕާލައިފައެވެ.

މިއަދު އޮންލައިން