މިއަހަރުގެ ފިނި މޫސުންވެސް ކުރިމަތިލީއެވެ. ފިނިމިން ދަނީ އިތުރުވަމުންނެވެ. އެތައް މިލިއަން ސީރިޔާގެ ރިފިޔުޖީން ތިބީ ބޯހިޔާވަހިކަމެއް ނެތުމުގެ އިތުރުން ބޭނުންކޮށްލާނެ ރަޖާގަނޑެއްވެސް ނުލިބިފައެވެ.
ކޮންމެ ދުވަހަކީވެސް ކުޑަކުދިންތަކެއް މަރުވާ ދުވަހެކެވެ. ގަދަ ފިންޏަށް ކެތް ނުކުރެވިގެންނެވެ. ކަރުނައަޅައި ރުއިން ފިޔަވައި މައިން ބަފައިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހީދޭ ޖަމާއަތްތަކުން ބުނަނީ އެހީވެދޭނެ ފައިސާ ނެތް ކަމަށެވެ. ފައިސާ ލިބޭނެ ގޮތެއްވެސް ފެންނަން ނެތް ކަމަށެވެ. އެހީދޭ ޤައުމުތަކުން ބުނަނީ ބަޖެޓުގައި ފައިސާ ނެތް ކަމަށެވެ.
މިކަންކަމަކީ ކިތަންމެ ހިތާވެރި ހިތްދަތި ކަންތައްތަކެއް ނަމަވެސް ނޫސްތަކުގައި ލިޔެލުން ނޫން ކަމެއް ކުރެވެން ނެތް ހާލަތަށް ކަންކަން މިވަނީ ގޮސްފައެވެ.
ޙައްލަކީ ސިރިޔާގެ ހާލަތު ބަދަލުވުމެވެ. އަވަސް މުސްތަޤްބަލެއްގައި އެކަން ވެދާނެ ކަމުގެ އުންމީދެއްވެސް ނެތެވެ. ރަސިއާ އިން އިންތިޒާމުކުރަން މަސައްކަތްކުރި މަޝްވަރާތަކުގައި ބައިވެރިވަން އިދިކޮޅު ހަނގުރާމަވެރިން ދަނީ ދެކޮޅު ހަދަމުންނެވެ. ބައްދަލުވުމުގައި ބަޝާރުލްއަސަދު ވެރިކަމުން ވަކިކުރުމުގެ ވާހަކަތައް ނުދެއްކޭނެ ކަމަށް ބުނުމުންނެވެ.
ސީރިޔާގެ ހަނގުރާމަ ކޮންޓްރޯލްކުރަނީ އެމެރިކާ އާއި ރަސިއާ އިންނެވެ. ހަނގުރާމައިގެ ކޮންޓްރޯލްވެސް ވަނީ އެދެޤައުމުގައެވެ. ދެ ޤައުމުގެވެސް އަމާޒަކީ ވީހައި ބޮޑު ބިރުވެރިކަމެއް އަރަބި ޤައުމުތަކަށް ދައްކައިގެން އެމީހުންގެ ހަތިޔާރު ވިއްކުމެވެ.
ބަޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި ސިފައިން މިހާރުވެފައިވަނީ ރަސިއާގެ އަޅުންނަށެވެ. އިދިކޮޅު ހަނގުރާމަވެރިން ވެފައިވަނީ އެމެރިކާގެ އަޅުންނަށެވެ.