ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި ފަހުގެ ޗެމްޕިއަން ކިހާދޫ ބަލިކޮށް އޭދަފުށި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ދޮންފަނު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، މެޗުގެ ނަތީޖާ 2-2 އުން އެއްވަރުވުމުން، ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އޭދަފުށިންނެވެ. މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ސާހީ މޫސާއެވެ. މެޗުގެ 33 ވަނަ މިނެޓުގައި އޭދަފުށީގެ އަފުރާހު ޢަބްދުލްއަޒީޒުގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން މެޗުގެ ނަތީޖާ އެއްވަރުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 70 ވަނަ މިނެޓުގައި ކިހާދޫގެ ޢަލީ އަނީސް ވަނީ ލަނޑެއް ޖަހައި ކިހާދޫއަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް، އޭދަފުށީގެ މިމްރާހު ޢަބްދުލްއަޒީޒު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަލުން އެއްވަރުކުރިއެވެ.
ފައިނަލަށް ދާނެ ޓީމެއް ކަށަވަރުކުރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ކުރި ހޯދީ 6-7 ގެ ނަތީޖާއިންނެވެ.
އޭދަފުށީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަހުމަދު ޝިޔާމް، މުހައްމަދު ހައްމާދު، އުނައިޝް ޒުބައިރު، ޢަލީ ނަސީމް، އަފުރާހު ޢަބްދުލްއަޒީޒު، ރައްޒާން ރަޝީދު، އަދި ސާހީ މޫސާއެވެ.
ކިހާދޫއިން ކާމިޔާބުކުރި 6 ޕެނަލްޓީ ޖެހީ ފާހިރު ނަސީރު، މުހައްމަދު މާއިޝް، ޢަލީ ފަރުހާން، ހުސައިން ނައުޝާދު، ހުސައިން ޝާމިރު، އަދި އަހުމަދު މިފުޒާލްއެވެ. ކިހާދޫގެ އަނީސް ފޮނުވާލި ޕެނަލްޓީ، އޭދަފުށީގެ ގޯލްކީޕަރު މަތަކުރިއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޮއިދޫއާއި ދޮންފަނުއެވެ. މުބާރާތުގެ ފައިނަލް މެޗު އޮތީ އަންނަ ހުކުރު ދުވަހުގެ ހަވީރުއެވެ.