ސައުދީ ޒުވާނަކު އާޚީރަތް ދުވަހުގެ ސަލާމަތަށާއި މާތް ﷲ ގެ ރުއްސެވުން ލިބިގަތުމުގެ ދަހިވެތިކަމުގައި މާތް ﷲ ގެ ރަހްމަތަށް އެދި ނުވެސް ދަންނަ މީހަކަށް އޭނާގެ އެއް ކިޑްނީ ހަދިޔާކޮށްފިއެވެ.
ސައުދިއަރަބިޔާގެ ތާބުކަށް ނިޞްބަތްވާ ވަރަށް އާދައިގެ ވަޒީފާއެއް އަދާކުރާ އުމުރުން 34 އަހަރުގެ މުޙައްމަދު ޖޮމާޙް އަލް ބައްނަ އޭނާގެ އެއް ކިޑްނީ ހަދިޔާކުރީ މަތީ ސާނަވީގައި ކިޔަމުންދިއަ އަންހެން ދަރިވަރަކަށެވެ.
ނުދަންނަ، އެއްވެސް ގުޅުމެއް ނެތް މީހުންނަށް ގުނަވަންތައް ހަދިޔާކުރުމަކީ ޢާންމު ގޮތެއްގައި ކުރާކަމަކަށް ނުވާތީ އޭނާ އެފަދަ ކަމެއް ކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ "މުސްލިމް އަޚާއަށް ކުރިމަތިވާ ދަތިކަން ފިލުވައިދީފި ނަމަ އެމީހަކަށް ކުރިމަތިވާ ދަތިކަން ޤިޔާމަތް ދުވަހުން މާތް ﷲ ފިއްލަވައިދެއްވަވާނެ" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅަކީ އޭނާ އެކަންކުރި ސަބަބު ކަމަށެވެ.
"އަހަރެން ކިޑްނީ ހަދިޔާކުރަން އުޅޭވާހަކަ އެއްވެސް މީހަކު ގާތު ނުވެސް ބުނަން. އެކަން ބޭއްވީ އަހަރެންނާ މާތް ﷲ އާއިދެމެދު. ކިޑްނީ ހަދިޔާ ކުރީމާ ގިނަ ބައަކަށް އެނގިގެންދިއައީ. އެނގުނީ އަަހަރެން ކުރި ކަމަކުން ނޫން." އޭނާ ބުނެފައިވެއެވެ.
"އަހަރެން އެކަން ކުރިކަމާއި ކުރި ނިޔަތް އެނގުމުން އަހަރެންގެ ޢާއިލާގެ މީހުންވެސް ވަރަށް އުފާކުރި. އެކުއްޖާއަކީ ޑައިލިސިސް ހަދަމުން ގެންދާތާ 10 އަހަރުވެފައި ހުރި ކުއްޖެއް ކަމާއި އޮޕަރޭޝަން ނުކުރެވި ލަސްވަމުން އައީ ކިޑްނީއެއް ނުލިބިގެންކަން އެނގުމުން ވަކިން ބޮޑަށް އެންމެންވެސް އުފާކުރި." ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"އަހަރެން ކިންގ ސަލްމާން އާމްޑް ފޯސަސް ހޮސްޕިޓަލަށް ގޮސް އެދުނީ ވަކި މީހަކަށް ކިޑްނީ ހަދިޔާ ކުރުމަކަށް ނޫން. އެންމެ ބަލި ހާލު ބޮޑު، އަހަރެންގެ ކިޑްނީ އާ ގުޅޭ މީހަކު ހުރިނަމަ އެމީހަކަށް ހަދިޔާކުރަން ބޭނުން ކަމަށް އަހަރެން ބުނީ. އަދި އޮޕަރޭޝަން ކުރިއިރުވެސް ހަދިޔާ މިކުރެވެނީ ކާކަށްތޯ ސުވާލެއްވެސް ނުކުރަން." އޭނާ ބުނެފައިވެއެވެ.
ކިޑްނީ ލެއްވި ކުއްޖާގެ ބައްޕަ ބުނީ މަރަން ޙުކުމް ކުރުމުން މަރާނެ ދުވަހަކަށް އިންތިޒާރުކުރާ ފަދައިން ދަރިފުޅު ދިރިހުރުމުގެ އުންމީދު ގެއްލިފައިވުމުން ޢާއިލާއިން އިންތިޒާރުކުރަމުން ދިއައީ ކުއްޖާ މަރުވާނެ ދުވަހަށް ކަމަށެވެ. އެ ފަދަ ހިތާމަވެރި ހާލުގައި ތިއްބައި ކުއްލިއަކަށް ކިޑްނީއެއް ލިބުނުކަން ހޮސްޕިޓަލުން އެންގުމުން އެކަން ވެގެން ދިއައީ މަރުވެފައި އޮތް ދަރިއަކަށް އަލުން ދިރުން ލިބުން ފަދަ ބޮޑު އުފާވެރިކަމަކަށް ކަމަށެވެ. "މިއީ ޝުކުރުވެރިވުން ކޮޅުންލާން އޮތް ކަމެއް ނޫން. އެ ޒުވާނާ އެދިނީ އަހަރެމެންގެ ދަރިފުޅަށް އަލުން ދިރިއުޅެވޭނެ ހަޔާތެއް." ބައްޕަ ބުނެފައިވެއެވެ.