އާ އަހަރުގެ ޝޯގައި ބިޕާޝާއާއި ކަރަން ވެސް ބައިވެރިވޭ

ކިޔުމަށް ހޭދަވާނީ 1މ 9ސ
އާ އަހަރުގެ ޝޯގައި ބިޕާޝާއާއި ކަރަން ވެސް ބައިވެރިވޭ
އާ އަހަރު ފާހަގަކުރުމަށް އަލިމަސް ކާނިވަލްގައި ބާއްވަން ހަމަޖެހިފައިވާ ޝޯގައި ބައިވެރިވާން ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫއާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ކަރަން ސިންގް ވެސް އަންނާނެކަމަށް އެ ޝޯ އިންތިޒާމްކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ.

ބިޕާޝާއަކީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތައް އެކްޓްކޮށްފައިވާ މަޝްހޫރު ތަރިއެކެވެ. 2016 ވަނަ އަހަރު، ކަރަންއާ ކައިވެނިކުރުމަށްފަހު، ބިޕާޝާ އަދި ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ. ކަރަން ސިންގް ވެސް ވަނީ ބޮލީވުޑްގެ ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އެއީ ބިޕާޝާއާއެކު ކުޅުނު 'އެލޯން' އަދި ޒަރީން ޚާންއާއި ޑެއިޒީ ޝާހްއާއެކީ ކުޅުނު 'ހޭޓް ސްޓޯރީ 3' އެވެ.

އެމްއައިޓީޑީސީއިން ބުނެފައިވަނީ ޝޯގައި ބިޕާޝާއާއި ކަރަން އައިޓަމްތަކެއް ހުށައަޅައިދޭން ހަަމަޖެހިފައިވާކަމަށާއި މި ފަހަރު ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ޝޯ ބާއްވާތީ އެހެން އަހަރުތަކަށްވުރެ މި އަހަރުގެ ޝޯގެ ފޯރިގަދަވެފައި ތަފާތުވާނެކަމަށެވެ.

އާ އަހަރުގެ ޝޯއަށް ބޮލީވުޑްގެ ދެ ލަވަކިޔުންތެރިންކަމަށްވާ، ޕާކިސްތާނަށް އުފަން ރާހަތު ފާތިހު ޢަލީ ޚާންއާއި މިކާ ސިންގް ވެސް ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިންނާއި ފަންނާނުން ވެސް ބައިވެރިވާނެއެވެ.

މިއަދު އޮންލައިން