ދާދިފަހުން އިންޑިއާގެ ސަރަހައްދުތަކަށް ކުރިމަތިވި ޠޫފާން އޮކްހީގައި ގެއްލުނު މީހުންގެ ތެރެއިން 660 މީހުން އަދިވެސް ނުފެނިވާކަަމަށް އިންޑިއާ އިން ބުނެފިއެވެ.
މި ވިއްސާރައިގައި އިންޑިއާގެ އެކި ސަރަހައްދުތަކުން 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިޠޫފާނުގައި ސްރީ ލަންކާއިންވެސް ވަނީ 27 މީހުން މަރުވެފައެވެ.
ޕާލަމެންޓުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ޠުފާނުގައި ގެއްލުނު ޓެމިލްނާޑޫގެ 400 މީހުންނާއި ކެރަލާ ސްޓޭޓުގެ 261 މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތް ކަމަށެވެ. ބޮޑަށް ބެލެވެނީ އެންމެންވެސް މަރުވެފައިވާ ކަމަށް ކަމަށެވެ.
ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 800 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިޠޫފާނުގައި ރާއްޖެއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަަމަވެސް މާތް ﷲ ގެ ރަހްމަތްފުޅާއިއެކު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.