ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލަށް އީގަލްސްއާއި މާޒިޔާ

ކިޔުމަށް ހޭދަވާނީ 1މ 24ސ
ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލަށް އީގަލްސްއާއި މާޒިޔާ
އެފްއޭއެމްއިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ބާއްވާ ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ކާމިޔާބުކޮށްގެން މުބާރާތުގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއާއި ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ގދ.ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 1-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި މާޒިޔާގެ އިބްރާހިމް އަތީގު ތިން ލަނޑުޖަހައި ހެޓްރިކްއެއް ފުރިހަމަކުރިއިރު، އަނެއް ދެ ލަނޑު ކާމިޔާބުކުރީ ހަސަން ފުއާދު (ޖެކް) އަދި މުހައްމަދު ސަހާހު (ބޭލް) އެވެ. މި މެޗުގައި ފެނިގެންދިޔަ ތިނަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޒިލާލް މުހައްމަދުއެވެ.

މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީއާއި އީގަލްސް ރޭ ބައްދަލުކުރި މެޗު އީގަލްސްއިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ އީގަލްސްގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގައެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާހުލް ޢަބްދުލްޞަމަދުއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އީލާފް އަހުމަދުއެވެ.

ލީގު ބުރުގައި ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ، މާޒިޔާއާއި އީގަލްސްއަށް ލިބިފައިވަނީ 7 ޕޮއިންޓްއެވެ. ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެގެން، ޔުނައިޓެޑް ވިކްޓްރީއާއި ގދ.ތިނަދޫއަށް ލިބުނީ 1 ޕޮއިންޓްއެވެ.
އީގަލްސްއާއި މާޒިޔާގެ ފައިނަލް މެޗުގެ ކުރިމަތިލުން އޮތީ މާދަމާ ހަވީރުއެވެ. މި ދެ ޓީމު، ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިއަދު އޮންލައިން