ސީރިޔާގެ މައްސަލައިގައި އިރާނަށާއި ރަސިއާއަށް ތުރުކީން ތާއީދު ނުކުރާނެކަން ތުރުުކީން ހާމަކޮށްފިއެވެ. މީގެ ،2 3 ދުވަސް ކުރިން ޚަބަރުތަކުގައި ބުނަމުން ގެންދިއައީ ސީރިޔާގެ މައްސަލަ ހައްލުކުރުމަށް އީރާނާއި ރަސިއާ އަދި ތުރުކީ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
ތުރުކީ އަބަދުވެސް ބަޝާރުލްއަސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ޤައުމެކެވެ. އީރާނާއި ރަސިއާ އިން ގެންދަނީ ބަޝާރުގެ ވެރިކަން ނަގަހައްޓައި ދަމަހައްޓަން މަސައްކަތްކުރަމުންނެވެ.
އުރްދްޤާން ވިދާޅުވީ ބަޝާރަކީ އޭނާގެ ޤައުމުގެ ރައްޔިތުން މަރަމުން ގެންދާ ޓެރަރިސްޓެއް ކަމަށެވެ. މައްސަލަ ހައްލުވާނީ ސީރިޔާގެ ރައްޔިތުން ކެރިގެން ކުރިމަތިލައި އެމީހުން ތިބީ ބަޝާރުގެ ވެރިކަން ޤަބޫލުކުރަން ނޫންކަން އީރާނަށާއި ރަސިއާއަށް ސާބިތުކޮށްދިނުމުން ކަމަށެވެ.
ތޫނިސްގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އުރްދްޤާން މިމޭރުމުން ވިދާޅުވުމުން ތުރުކީ އޮތީ އީރާނާއި ރަސީއާ ޤަބޫލުކުރާ ފިކުރުގައި ނޫންކަން މިހާރު ވަނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.
ސީރިޔާގެ މިހާރުގެ ހާލަތަށް ބަލާއިރު އެ ޤައުމު އޮތީ ވެރިކަމަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނެސްގެން ނަމަވެސް ޤައުމުގެ ހާލަތު ބަދަލުކުރަންޖެހިފައެވެ. މުޅި ސީރިޔާހެން ވަނީ ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑު ވެފައެވެ. އެތައް މިލިއަން ރައްޔިތުން ތިބީ ބިކަހާލުގައި މަގުމަތީގައެވެ.
މިއަހަރުގެ ފިނިމޫސުން އައި އިރުވެސް އެތައް މިލިއަން ރައްޔިތުންނަށް ތިބެންޖެހިފައިވަނީ ޕްލާސްޓިކް ޓެންޓްތަކުގައެވެ. އެތައް މިލިއަން ބައަކަށް މިފަދަ ފުރުޞަތެއްވެސް ނެތުމުން ނިދަންޖެހިފައިވަނީ ނިދާގޯނިތަކުގައެވެ. ގަދަފިނިން ދިފާއުުވުމަށް ބޭނޫންކުރާނެ ރަޖާ ފަދަ އާލާތްވެސް ނެތިއެވެ.