ގުއަޓަމާލާ އާއިމެދު އަރަބި ޤައުމުތައް ލައްވައި ފިޔަވަޅު އަޅުވަން ފަލަސްޠީނުން މަސައްކަތް ފަށައިފިއެވެ. މިފަދަ މަސައްކަތެއް ފަލަސްޠީނުން ފެށީ އިޒްރޭލުގައި ހުންނަ އެ ޤައުމުގެ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން ނިންމިކަން މިދިއަ ހޯމަ ދުވަހު އިއުލާނުކުރުމުންނެވެ.
ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގުއަތަނަމާލާ އަކީ އެޤައުމުގައި އުފައްދާ ކާފޫރުތޮޅި އަރަބި ޤައުމުތަކަށް އެކްސްޕޯޓްކޮށްގެން އަހަރަކު 300 މިލިއަން ޑޮލަރުގެ ޢާމްދަނީއެއް ހޯދާ ޤައުމެކެވެ.
ފަލަސްޠީނުން ބުނީ ފަލަސްޠިނާއިމެދު އިހާނެތިކޮށް ހިތާ ޤައުމުތަކާއިމެދު ފިޔަވަޅު އަޅައި ދިނުމަށް އަރަބި ޤައުމުތަކުގައި އެދޭނެ ކަމަށެވެ. އަދި އެކަން ކާމިޔާބުވެސް ކުރެވޭނެ ކަމަށެވެ. "ފަލަސްޠީނގެ މައްސަލައަކީ އިސްލާމީ އުންމަތުގެ މައްސަލައެއް. އެހެންވީމާ އިސްލާމީ ޤައުމުތަކުގެ އެހީތެރިކަން ލިބޭނެ. އެހީތެރިކަން ފޯރުކޮށް ނުދޭނަމަ އެކަންވެސް މުސްލިމް އުންމަތަށް އެނގިގެންދާނެ" ކަމަށް ފަލަސްޠީނުން ބުނެފައިވެއެވެ.
ފަލަސްޠީނުގެ މައްސަލައިގައި އެމެރިކާ އާއި ޓްރަމްޕުގެ ނިންމުންތަކަށް އެއްބާރުލުންދޭ ޤައުމުތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ފަލަސްޠީނުން މިހާރު ވަނީ އޯއައިސީގައި އެދިފައެވެ.
ގުއަޓަނަމާލާގެ ކުރީގެ ކުރީގެ ނައިބް ރައީސް އެޑްވަރޑް ސްޓެއިން ވަނީ އެ ޤައުމުގެ ސަރުކާރުގެ ނިންމުމަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. ސްޓެއިން ވިދާޅުވީ އަރަބި ޤައުމުތަކުން ފިޔަވަޅެއް އަޅައިފިނަމަ އެ ޤައުމުގައި ތިބި 45،000 ދަނޑުވެރިންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.