ސައުދީގެ މައި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިއަދުވެސް ލިޔަމުން ގެންދަނީ އެމެރިކާ އާއި އެޤައުމުގެ ގުޅުމަށް ފަޚުރުވެރިވާ ވާހަކައެވެ. ރައީސް ޓްރަމްޕުގެ ސައުދީ ދަތުރުން ދެ ޤައުމުގެ ގުޅުންތައް އައު އުސްމިންތަކަކަށް އުފުލިފިފައިވާ ކަމުގެ ވާހަކަތަކެވެ.
ހަމައެއާއިއެކު މިލިޔަނީ ފަލަސްޠީނާއި މުސްލިމުންގެ ހައްޤުތައް ހިމާޔަތްކުރުމުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އެކަތިގަނޑަކަށް ވުމުގެ ވާހަކަތަކެވެ. އެކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ގޮވާލައްވާކަމުގެ ވާހަކަތަކެވެ. ދުނިޔޭގައި ތިބި އެންމެހައި މުސްލިމުން ހިމާޔަތްކުރުމުގައި ސައުދިއަރަބިޔާއިން ފަހަތަށް ނުޖެހޭނެ ކަމުގެ ވާހަކަތަކެވެ.
މުސްލިމުންނަކީ އެއްވެސް ބައަކާއި ގުޅުން ކަނޑައލަންޖެހޭ ބައެއް ނޫނެވެ. ނަމަވެސް އިސްލާމީ އުންމަތަށް ފައުޅުގައި ގެއްލުންދޭ ބައަކާއިއެކު ގުޅުން ބަދަހިކުރުމަކީ އިސްލާމުންނަށް ކުރުން ހުއްދަ ކަމެއް ކަމާއިމެދު އުފެދޭ ސުވާލަށް ކީރިތި ޤްރްއާނުން ވަރަށް ފުރިހަމައަށް ޖަވާބު ލިބެއެވެ.
"އަހަރެމެން ގުޅިގެންދާނީ ކުރިއަށް" "ސައުދީ އެމެރިކާގެ ގުޅުމަށް ފަޚުރުވެރިވަން" މިއީ ޓްރަމްޕުގެ ސައުދީ ދަތުރާއި ގުޅުވައިގެން މިހާރުވެސް ސައުދިއަރަބިޔާގައި ބޭނުންކުރަމުން ގެންދާ ޝިޢާރުތަކެވެ.
ގުޅިގެން ކުރިއަށް ދެވޭނީ މާތް ﷲ އަންގަވާފައިވާ ގޮތުގައެވެ. ފަޚުރުވެރިވާންޖެހޭނީ މާތް ﷲ އަންގަވާފައިވާ މަގުގައި ކުރިއަށް ދާނަމަ އެކަމަކަަށެވެ.
ރައީސް ޓްރަމްޕު ފަލަސްޠީނުގެ މައްސަލައިގައި ކޮންމެ ކަމެއް ކޮށްފައިވެސް ބުނަނީ ތިމަންނަ މިކަން މިކުރީ އެކުވެރި އަރަބި ޤައުމުތަކާިއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އެމެރިކާއަށް ތާއީދުކުރާ އަރަބި އެއްވެސް ޤައުމަކުން ޓްރަމްޕުގެ ބަސް ދޮގެއް ނުކުރެއެވެ. މިއަދާއި ހަމައަށްވެސް ޓްރަމްޕުގެ އެފަދަ އެއްވެސް ބަހެއް އަރަބި އެއްވެސް ޤައުމަކުން ދޮގުކޮށްފައެއް ނެތެވެ.
އަބަދުވެސް ބުނަމުން ގެންދަނީ ތިމަންނަމެން މިތިބީ ފަލަސްޠީނާއިއެކުގައި ކަމަށެވެ. ފަލަސްޠީނު ހިމާޔަތްކުރާނެ ކަމަށެވެ. އެކަން ކުރަން ކުރެވޭ އެއްވެސް މަސައްކަތެއް ނުފެނެއެވެ. އެޅޭ އެއްވެސް ފިޔަވަޅެއްވެސް ނުފެނެއެވެ.
އެހެންކަމުން މިއީ މުސްލިމުންގެ ގިނަ ބައަކު މިހާރު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަކަމަށް ވަނީ ވެފައެވެ. މިކަމުގެ ނަތީޖާ ފެނިގެންދާނެ ގޮތަކާއިމެދު މުސްލިމުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތައް އުފެދިފައެވެ.