އަންނަ އަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި 10 ޓީމު ކުޅޭގޮތަށް ނިންމައިފި

ކިޔުމަށް ހޭދަވާނީ 2މ 2ސ
އަންނަ އަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި 10 ޓީމު ކުޅޭގޮތަށް ނިންމައިފި
މާލެ ލީގުގެ ގަދަ 6 ޓީމާއި މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގަދަ 4 ޓީމާއެކު އަންނަ އަހަރުގެ ދިވެހި ޕްރެމިއާ ލީގުގައި ޖުމުލަ 10 ޓީމު ކުޅޭގޮތަށް، ދިވެހި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ނިންމައިފިއެވެ.

އެފްއޭއެމްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރު އިހުސާން ޢަބްދުލްޤައްޔޫމް ވިދާޅުވީ އަންނަ އަހަރުގެ ދިވެހި ލީގުގައި 10 ޓީމަށް ފުރުސަތުދޭން ނިންމީ 2017 ވަނަ އަހަރުގެ ނާކާމިޔާބީގެ ތަޖުރިބާއަށް ބެލުމަށް ފަހުގައި ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ނިޔާޒު ވިދާޅުވީ އަންނަ ސީޒަން ހުޅުވާ މެޗުކަމަށްވާ ޗެރިޓީ ޝީލްޑްގެ މެޗު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުކަމަށާއި ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވާ މާލެ ޒޯންގެ ޓީމުތައް ކަނޑައެޅުމަށް ކުޅޭ މާލެ ލީގު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފަށާނެކަމަށެވެ.

ދިވެހި ޕްރެމިއާ ލީގަށް ކޮލިފައިވާ އެހެން ޒޯންތަކުގެ ޓީމުތައް ކަނޑައެޅުމަށް ކުޅޭ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށާ ގޮތަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

އަންނަ ފުޓުބޯޅަ ސީޒަންގެ ކަލަންޑަރަށް އެފްއޭއެމްއިން ގެނެސްފައިވާ އެހެން ބަދަލަކީ މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިޔަ މުބާރާތުގެ ގަދަ ހަތަރު ޓީމު އަންނަ އަހަރުގެ މުބާރާތުގައި ސީދާ ފައިނަލް ބުރުން ޖާގަ ލިބިގެން ދިޔުމެވެ. މިހެންވުމުން، އަންނަ އަހަރުގެ މުބާރާތުގެ ފައިނަލް ބުރުގައި ޖުމުލަ 12 ޓީމު ކުޅޭނެއެވެ.

ފުޓުބޯޅަ ކަލަންޑަރަށް ދެން ގެނައި ބަދަލަކީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަން މާލެ ލީގަށް އޮޓޮމެޓިކް ޖާގައެއް ލިބޭ ގޮތަށް ހަމަޖައްސާ، މާލެ ލީގު ކޮލިފައިންގައި ކުޅޭނީ ދެވަނަ ޑިވިޝަންގެ ދެވަނައަށްދާ ޓީމާއި މާލެ ލީގުން އެންމެ ފުލަށްދާ ދެ ޓީމެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ނިޔާޒު ވިދާޅުވީ އަންނަ ފުޓުބޯޅަ ސީޒަންގެ ކަލަންޑަރު މިއަދު އާންމުކުރި ނަމަވެސް އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓްއާއި ޓީސީ ކުޅޭ މެޗުތައް ކުޅޭ ދުވަހަށް ބަދަލެއް އައިސްދާނެ ކަމަށެވެ.

ފުޓުބޯޅަ ކަލަންޑަރުގެ ފަހު މުބާރާތަކީ ޕްރެސިޑެންޓްސް ކަޕްއެވެ. އަންނަ ސީޒަންގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް އެފްއޭއެމްއިން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން