މިދިޔަ ހަ ސީޒަން ތެރޭގައި ފަސް ފަހަރު ދިވެހި ލީގު ކާމިޔާބުރުމާ ގުޅިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މި ކާމިޔާބީއަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަރުހަބާ ދަންނަވައި މަރުހަބާގެ ލިޔުމެއް ނިއުއަށް ފޮނުއްވައިފިއެވެ.
ދިވެހި ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އާދިލް ޖަލީލަށް ފޮނުއްވި ލިޔުމުގައި އިންފަންޓީނޯ ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަ ސީޒަންގެ ތެރޭގައި ފަސް ފަހަރު މަތިން ދިވެހި ލީގުގެ ޗެމްޕިއަންކަން ނިއުއަށް ލިބިފައިވަނީ އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއި ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތުންކަމަށާއި ނިއުގެ މި ކާމިޔާބީ ހޯދުމުގައި ހަރަކާތްތެރިވި މި ހުރިހާ މީހުންނަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ނިއުގެ މި ކާމިޔާބީއަށް ހޫނު މަރުހާބާއެއް ދެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް އެ ލިޔުމުގައި ވިދާޅުވެފައިވެއެވެ.
ވަރަށް އަވަސް މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގަންނަވަން މަސައްކަތްކުރައްވާކަމަށާއި އަދި ވަޑައިގަނެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް އިންފަންޓީނޯ ފޮނުއްވި ލިޔުމުގައި ވިދާޅުވެފައިވެއެވެ.
ފީފާއިން އެފްއޭމްއެމްގެ ރައީސްއަށް ފޮނުއްވި މި ލިޔުން އެފްއޭއެމްއިން ވަނީ ނިއުއަށް ހަވާލުކުރައްވައިފައެވެ. އެފްއޭއެމްގެ ފަރާތުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު މި ލިޔުން ހަވާލުކުރެއްވީ ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދުއެވެ.
އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އިތުރުން ނިއުއިން ވަނީ މި ސީޒަންގައި އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕް ވެސް ކާމިޔާބުކުރައްވައިފައެވެ.