އުފަންވީއިރު ވެސް ދެއަތް ނެތް ނަމަވެސް މިމީހާއަކީ މޮޅު ފެހުންތެރިއެއް!

ކިޔުމަށް ހޭދަވާނީ 2މ 10ސ
އުފަންވީއިރު ވެސް ދެއަތް ނެތް ނަމަވެސް މިމީހާއަކީ މޮޅު ފެހުންތެރިއެއް!
އަހަރުމެންގެ ހަށިގަނޑުގެ ކޮންމެ ގުނަވަނަކީ ވެސް އަހަރުމެންނަށް ވަރަށް މުހިންމު ގުނަވަންތަކެކެވެ. އޭގެ އެންމެ ގުނަވަނަކާއި ނުލާ ވެސް ދިރިއުޅެން އުނދަގޫވާއިރު، އެގުނަވަންތައް ލިބިފައިނުވާ މީހުން ދިރިއުޅޭނީ ވަރަށް ހާލުންކަން ގިނަ މީހުންނަށް ވިސްނެއެވެ.

ނަމަވެސް އެފަދަ މީހުންނަކީ ވެސް ދެރަ ބައެއް ނޫންކަމާއި ކަމެއް ނުކުރެވޭނެ ބައެއް ނޫންކަން އިންޑިއާ ގެ ހަރްޔާނާގައި ދިރިއުޅޭ މަދަން ލާލް ވަނީ ހާމަ ކޮށްދީފައެވެ.

އުމުރުން 45 އަހަރުގެ މަދަން ލާލް، އުފަންވީއިރުވެސް އޭނާގެ ދެއަތެއް ނެތެވެ. އެހެންކަމުން ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުރިހާ މަސައްކަތެއް ކުރަނީ އޭނާގެ ދެފައިތިލަ ބޭނުން ކޮށްގެންނެވެ.
ދިރިއުޅުމުގައި ދަތިތަކަކާއި ކުރިމަތިވި ކަމުގައި ވިޔަސް، މިހާރު އޭނާއަކީ މުޅި ހަރިޔާނާއަށް ވެސް ނަން މައްޝޫރު ފެހުންތެރިއެކެވެ.

"އަހަރެން އުފަންވީ ވެސް މިގޮތަށެވެ. ދެ އަތާއި ނުލައެވެ. ސްކޫލަށް ވަދެވޭތޯ މަސައްކަތް ކުރުމުން، އަހަންނަކަށް އެފުރުސަތެއް ނުލިބުނެވެ. އެއީ ޓީޗަރު އަހަންނަށް އެފުރުސަތު ދޭން އިންކާރު ކުރުމުންނެވެ. އެކަމާއި އަހަރެން ވަރަށް މާޔޫސް ވިއެވެ. އަހަރެންގެ އާއިލާއަށް ވެސް އަހަންނަށް ކިޔަވައެއް ނުދެވުނެވެ.

ނަމަވެސް އަހަރެން ނިންމީ، އަހަންނަށް ވެސް ކޮންމެވެސް ކަމެއް ކުރެވޭނެކަން ދައްކާށެވެ. ސަރުކާރުން ވެސް އަހަންނަށް އެއްވެސް އެހީއެއް ނުވާނެކަން އެނގުމުން، އަހަރެން ބޭނުންވީ އާމްދަނީ ހޯދަން އަމިއްލައަށް މަސައްކަތެއް ކުރާށެވެ.

އެެހެންކަމުން ހެދުން ފަހަން އަހަރެން ދަސްކުރީމެވެ." މަދަން ލާލް ކިޔާދިނެވެ.

ފެހުންތެރިއަކަށްވެ، މަދަން ލާލް އެމަސައްކަތް ކުރާތާ މިހާރު 22 އަހަރު ވެއްޖެއެވެ. ނަމަވެސް އޭނާއަށް އެމަސައްކަތް އެންމެ ފުރަތަމަ ފެށުނީވެސް ވަރަށް ދަތި އުނދަގޫތަކަކާއި އެކުއެވެ.

"ފަހަން ދަސްކުރަން ވެގެން ފުރަތަމަ އަހަރެން ދިޔައީ ފާތެހްއާބާދުގައި ހުރި ފެހުންތެރިއެއް ކައިރިއަށެވެ. އެކަކު އަހަރެން ފެނިފަ، އަހަންނަށް ފަހަން ދަސްކޮށްދޭން އޭނާ ފުރަތަމަ އިންކާރު ކުރިއެވެ. އޭނާ ބުނީ އަހަރެންގެ ދެއަތް ވެސް ނެތް އިރު ފަހާނީ ކިހިނެއް ހެއްޔޭއެވެ.

އޭނާގާތު އަހަންނަށް މިކަން ކުރެވޭނޭ، އެއް ފުރުސަތުވިޔަސް ދީބަލާށޭ ބުނެ އާދޭސް ކުރުމުން، އޭނާ އަހަންނަށް ފަހަން ދަސްކޮށްދިނެވެ. ބަރާބަރު 15 ދުވަސް ތެރޭ ފަހަން ދަސްކޮށްގެން އަހަރެން އެނބުރި ހަރިޔާނާއަށް އައިސް، އަހަރެންގެ ގޭގެ ތަންކޮޅެއްގައި ފަހާތަނެއް ހުޅުވީމެވެ.

ފަށައިގަތް އިރު މީހުން ބުނި އޭނަ ކިހިނެއްހޭ ފައިތިލައިން ފަހާނީ، ފޮތިގަނޑު ހަލާކެއް ނުވާނެހޭ، އެކަމަކު އަހަންނަށް މިކަން ކުރެވިދާނެކަމުގެ ޔަގީންކަން ފަހުން މީހުންނަށް ލިބެން ފެށިއެވެ. އަދި މިހާރު އަހަރެން ކައިރިއަށް ހެދުން ފަހަން ވަރަށް ގިނަ މީހުން އާދެއެވެ."

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން