އިންޑިއާ ފިރިހެނަކު އަނބިމީހާ ބޭނުންވުމުން "ބޯއިފްރެންޑަށް" އަނބިމީހާ ހަދިޔާކޮށް ކައިވެނިވެސް ކޮށްދީފިއެވެ.
އިންޑިއާގެ ހާޖީޕޫރުގެ އުޗްޑިން ވިލެޖުގެ ދެމަފިރިން މީގެ 10 އަހަރު ކުރިން ކުރި ކައިވެންޏަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ. ދެމަފިރިން ދިރިއުޅެމުން އައީވެސް އުފަލުގައެވެ. ފިރިމީހާއަކީ އާމްދަނީ ހޯދުމަށް މަސައްކަތްކުރަން އެހެން އަވަށްތަކަށް ދާންޖެހޭ މީހެކެވެ.
މައްސަލަ ކުރިމަތިވީ މިދިއަ އާދީއްތަ ދުވަހު އަންހެން މީހާ ހިލޭ ފިރިހެނަކާއިއެކު އެކަހެރިގޮތަކަށް ފެނުމުންނެވެ. ފެނުނު މީހުން ދެމީހުން ގެންގޮސް ހަވާލުކުރީ އަވަށުގެ ކޯޓާއިއެވެ. ކޯޓުގައި އަންހެން މީހާ ބުނީ ބޯއިފްރެންޑް ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށާއި ދެމީހުން ކައިވެނިކޮށްދިނުމަށް އެދި އަދޭސް ކުރާ ކަމަށެވެ.
މިކަމާއި ގުޅިގެން ފިރިމީހާ، އަރުން ކުމާރު ނިންމީ އަނބިމިހާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދިނުމަށެވެ. އެހެންކަމުން ލަސްކުރުމެއް ނެތި ހޯމަ ދުވަހު ފައްޅިއެއްގައި ވަނީ އެދެމީހުންގެ ކައިވެނިކޮށްދީފައެވެ. އެވަރަކުންވެސް ފިރިމިހާ ދުލެއް ނުކުރެއެވެ. ކޯޓަށް ގޮސް އެކައިވެންޏަކީ ޞައްޙަ ކައިވެންޏެއްކަން ވެސް ޔަޤީންކުރިއެވެ.
ފިރިމިހާ ބުނީ އަނބިމީހާ އެހެން ފިރިހެނަކާއިއެކު އުޅެން ބޭނުންވުމުން އެފަދަ އަންބަކު ހިފަހައްޓަން މަސައްކަތް ކުރުމަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ އަނބިމިހާ ބޭނުންވާ ގޮތަށް ދޫކޮށްލުން ކަމަށެވެ. ހިފަހައްޓަން އުޅުމުން ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށާއި އުފުލަންޖެހޭ ވޭންތައް މާބޮޑުވާނެ ކަމަށެވެ.
އަރުން ކުމަރު ވަނީ ލިބިފައިވާ ދެ ދަރިންވެސް މަންމައަށް ހަދިޔާކޮށްފައެވެ. ދަރިން ގެންގޮސްފިނަމަ ދެރަވާނެކަމަށް ދަރިންގެ މަންމަ ބުނުމުންނެވެ.
ދާދިފަހުން ވެސް އިންޑިއާގައި ވަނީ މިފަދަ ކަމެއް ހިނގައިފައެވެ. ފިރިމީހާގެ ކޮއްކޮ ދެކެ އަނބިމިހާ ލޯބިވުމުން ފިރިމީހާ ވަނީ އަނބިމީހާ ބޭނުންވި ގޮތަށް ދެމީހުންގެ ކައިވެނިކޮށްދިނުމަށްފަހު އަވަސް ދޫކޮށް ގޮސްފައެވެ.