55 ޤައުމަކުން ބައިވެރިވާ ކިންގ ސަލްމާން ރާޒުވާﷲ މުބާރާތް ސައުދިއަރަބިޔާގައި ފަށައިގެން އެބަ ކުރިއަށް ގެންދެއެވެ. އަންގާރަ ދުވަހު ވެރިރަށް ރިޔާޟްގައި ފެށި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމެޖެހިފައެވެ.
މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ ދުނިޔޭގެ އެންމެމަތީ ފެންވަރުގެ ޗެސް ކުޅުންތެރިން މުބާރާތުގައި ބައިވެރިވާ ކަމަށެވެ. އަދި މިފަދަ ފެންވަރު ރަނގަޅު ބައިނަލްއަޤްވާމީ ކުޅުންތެރިންނާއި ވާދަކުރުމުގެ ފުރުޞަތު ސައުދީގެ ކުޅުންތެރިންނަށް ލިބުމަކީ ސައުދީގެ ސިކުނޑިތައް އިތުރަށް ހުޅުވި މުއްސަނދިވެގެންދާނެ ކަމަށެވެ.
ގިނަ އަދަދެއްގެ އަންހެން ކުޅުންތެރި ވެސް ދަނީ މުބާރާތުގައި ވާދަކުރަމުންނެވެ. މުބާރާތުގައި ވާދަކުރާ އަންހެނުންނަށް ބޮޑު ހެދުން ލާކަށް މަޖުބޫރެއް ނޫނެވެ. ސޫޓާއި ހަރުވާޅު ލައި ބުރުގާ ނުއެޅި ނަމަވެސް ފުދެއެވެ.