ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ގޮއިދޫއަށް

ކިޔުމަށް ހޭދަވާނީ 1މ 39ސ
ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ގޮއިދޫއަށް
ބ.ދޮންފަނު އިންވިޓޭޝަނަލް ކަޕްގައި އޭދަފުށި ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫއިން ހޯދައިފިއެވެ.

ދޮންފަނު ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއިންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މިމްރާހު ޢަބްދުލްއަޒީޒު ލަނޑެއް ޖަހައި މެޗުގެ ލީޑު އޭދަފުއްޓަަށް ނަގައިދިންއިރު، މެޗުގެ 26 ވަނަ މިނެޓުގައި ގޮއިދޫގެ ޢަލީ މާހިދު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޮއިދޫ ނާސިހު ޔޫސުފުގެ ލަނޑުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ގޮއިދޫއަށް ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ގޮއިދޫ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ 53 ވަނަ މިނެޓުގައި ގޮއިދޫގެ ޝައްމޫން ޖަމީލު ލަނޑެއް ޖަހައި، ގޮއިދޫއަށް ލީޑު ފުޅާކޮށްދިނެވެ. މެޗު ނިމުމުގެ ކުރިން އޭދަފުށިން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 66 ވަނަ މިނެޓުގައި އޭދަފުށީގެ ޢަލީ ނަސީމް ލަނޑެއް ޖެހިއިރު، އަނެއް ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގައި އޭދަފުށީގެ އުނައިޝް ޒުބައިރުއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްއުން ގޮއިދޫ ކުރިހޯދީ 6-7 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އޭދަފުށީގެ ސާހީ މޫސާ (ހިތޭ) އަށެވެ. މުބާރާތުގެ ފެއާ ޕްލޭޔާގެ މަޤާމު ލިބުނީ ގޮއިދޫގެ އަހުމަދު އިފްހާމްއަށެވެ. އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ލިބުނީ ގޮއިދޫގެ ފައްރާހު ސަލީމަށެވެ. މޮޅު ގޯލްކީޕަރުގެ މަޤާމު ލިބުނީ އޭދަފުށީގެ މުހައްމަދު ހިޝާންއަށެވެ.

މުބާރާތުގައި ޖުމުލަ ފަސް ލަނޑު ކާމިޔާބުކޮށްގެން އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ޓޮޕް ސްކޯރާގެ މަޤާމު ލިބުނީ އޭދަފުށީގެ މިމްރާހު ޢަބްދުލްއަޒީޒު އަދި ކިހާދޫގެ ހުސައިން އީމާން (މާނު) އަށެވެ.

މި އަހަރުގެ މުބާރާތުގައި ބ.އަތޮޅުގެ ފަސް ރަށް ބައިވެރިވިއިރު، މިއީ މި މުބާރާތުގައި ގޮއިދޫ އަދި އޭދަފުށި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިއީ މުބާރާތް ބޭއްވި ތިންވަނަ ފަަހަރެވެ.

މިއަދު އޮންލައިން