އެމެރިކާގެ ނިޔުޔޯކުގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި އަލިފާން ރޯވެ 12 މީހުން މަރުވި ހާދިސާ ހިނގަން މެދުވެރީ އުމުރުން 3 އަހަރުގެ ކުއްޖަކު އުނދުނާއި ކުޅެނިކޮށް އުނދުނުގައި ރޯވެގެން ކަމަށް ބުނެފިއެވެ.
ތަހްޤީޤްކުރި ޓީމުން ބުނީ ކުއްޖާ އުނދުނާއި ކުޅެމުން ދަނިކޮށް ގޭސް ލީކްވާގޮތަށް އުނދުން ރޯކޮށްލެވުނީ ކަމަށެވެ. މިހާދިސާގައި އެކިވަރަށް ފިހުނު މީހުންގެ ތެރެއިން 4 މީހެއްގެ ޙާލު އަދިވެސް ވަރަށް ސީރިއަސް ކަަމަށް ބުނެއެވެ.
އުނދުން ފަދަ ތަކެތި ގެންގުޅުމުގައި މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އަބަދުވެސް ދަނީ އިލްތިމާސްކުރަމުންނެވެ.
ރާއްޖެއަށް ބަލައިފިނަމަވެސް މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ. ކުޑަކޮޓަރިއެއްގައި ކައްކަމުން އެތައް ބައަކު ދިރިއުޅެމުން ގެންދާއިރު އުނދުންތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ ކޮންމެ ފަދަ ބޮޑު ގެއްލުމެއް ވެސް ލިބުމަކީ ދުރުކަމެއް ނޫނެވެ.