އީރާނުގައި ވެރިކަން ކުރަނީ ތަކެތީގެ އަގުތައް އުފުލަމުން ގެންދާ އަދި ޒުވާނުންނަށް ފުރުޞަތު ނުދީ ހުރިހާ މަތީ މަޤާމުތަކެއް މުއްލާއިންނަށް ދީގެން ވެރިކަން ކުރާ ސަރުކާރެއް ކަމަށާއި އެ ފަދަ ސަރުކާރެއް ބޭނުން ނޫން ކަމަށް ބުނެ އީރާނުގެ އެތައް ހާސް ބައަކު މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރި މީހުން ބުނަމުން ގެންދިއައީ ފަލަސްޠީނަށް އެހީ ނުވާ ކަމަށާއި ނަމަވެސް ސީރިޔާ އާއި ލެބަނަނުގައި އީރާނުން ހަނގުރާމަކުރާ ކަމަށެވެ. އަދި މިކަންކަމަކީ ރައްޔިތުން ތާއީދުކުރާ ކަންކަން ނޫން ކަމަށެވެ. އީރާނުގެ ވެރިކަމުގައި ހުންނެވި ލީޑަރު އުޅެނީ އަމިއްލައަށް ކަލަކަށް ހެދިގެން ކަމަށާއި ނަމަވެސް އިސްލާމީ އުންމަތަށް އެއްވެސް އަޅައިލުމެއް ނެތް ކަމަށެވެ.
އިރާނުގެ 12 ވަރަކަށް ސިޓީގައި ވަނީ މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާތަކުގައި ބައިވެރިވާން ދިއަ ގިނަ ބައަކަށް ހުރަސް އަޅައި ބްރިޖްތައް ބަންދުކުރުމުން ބޯޓު ފަހަރުގައިވެސް ގިނަ ބައަކު ވަނީ މުޒާހަރާތަކުގައި ބައިވެރިވުމަށް ގޮސްފައެވެ.
މުޒާހަރާތަކުގައި ވަނީ ހިޒްބުﷲ ކުށްވެރިކޮށްފައެވެ. ބޭރު ޤައުމުތަކުގައި ހަނގުރާމަކުރުން ހުއްޓައި އެނބުރި ޤައުމަށް އައުމަށް ވަނީ ގޮވާލައިފައެވެ.
ޕީޕަލްސް މުޖާހިދީން އޮގަނައިޒޭޝަނުން އިންތިޒާމުކުރި މުޒާހަރާތައް ވަރުގަދަވުމުން ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް އަންހެނުންނަށް އަނިޔާވުމުން މުޒާހަރާތައް ވަނީ އިތުރަށް ހޫނުވެފައެވެ.
މުޒާހަރާތަކާއި ގުޅިގެން 50 އަށްވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ. އީރާނުގެ ސަރުކާރުން ބުނީ މިއީ ބޭރު ޤައުމުތަކުން ޚަރަދުކޮށްގެން މަންޒަރުތައް ވީޑިއޯކޮށް ދެއްކުމުގެ ބޭނުމުގައި ކުރުވާ ކަންކަން ކަމަށެވެ.