އެމެރިކާގެ ރައީސް ޓްރަމްޕުގެ ނިންމުންތަކާއި ދެކޮޅަށް އިއްޔެވެސް ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން ވަނީ މުޒާހަރާތައް ކޮށްފައެވެ.
މުޒާހަރާތައް ހުއްޓުވުމަށް ޔަހޫދީ ސިފައިން ޢާންމުކޮށް ޖަހާ ބަޑިތައް އިއްޔެޔެވެސް ޖެހިއެވެ. ވަޒަންތަކުން ސަލާމަތްވުމަށް ފަލަސްޠީނުގެ ޒުވާނުންގެ މޫނުމަތިން ފެނުނީ ބިރުގަތުމެއް ނޫނެވެ. ހިނިތުންވުމެވެ.
ހަބަރުގައިވާ ފޮޓޯއަކީ ޣާޒާގެ ޝުޖަޢިއްޔާ ސަރަހައްދުގައި މުޒާހަރާކުރި މީހުންގެ ގައަށް ބަޑިޖަހަން ފެށުމުން ޒުވާނުންތައް ސަލާމަތްވުމަށް ދުވި މަންޒަރުގެ ފޮޓޯއެކެވެ. ޒުވާނުންގެ މޫނުމަތިން ހާސްކަމުގެ ބޮޑަށް ފެންނަނީ ހިނިތުންވުމެވެ. ބައެއް ޒުވާނުން ހަމަ ގަދައަށް ހިނިތުންވެފައި ތިބި ތަނެވެ.
ޔަހޫދީ ސިފައިންގެ މިފަދަ ހަމަލާތަކަށް ފަލަސްޠީނުގެ ޒުވާނުން މިހާރު ވަނީ ވަރަށް ރަނގަޅަށް ހޭނިފައެވެ. ވަޅު ކައްޓަފުޅި ދާންޏަށް ނުސިހޭ އުޞޫލުންނެވެ.
އިއްޔެގެ މުޒާހަރާތަކުގައިވެސް 2000 އެއްހައި މީހުން ބައިވެރިވިއެވެ. އިޒްރޭލު ސިފައިން ބަޑިން ދިން ހަމަލާތަކުގެ ސަބަބުން 56 ޒުވާނަކު ޒަޚަމްވިއެވެ. ހޮސްޕިތަލުން ބުނީ 40 މީހަކަށް ފަރުވާ ދޭން ޖެހުނު ކަމަށާއި 4 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
މި ސަރަހައްދުގައި މުޒާހަރާކުރި ޒުވާނުން ވަނީ އިޒްރޭލު ސިފައިންގެ ޗެކް ޕޯސްޓްޓަކާއި ވަރަށް ކައިރިއަށް ގޮސް ގައު އުކައި ގަލުން ހަމަލާދީފައެވެ. ބަޑިޖަހާނެކަން އެނގިތިބެއެވެ.
ޔަހޫދީ ސިފައިން އިއްޔެ ވެސް ވަނީ ހަމާސް އިން ރޮކެޓް ފޮނުވާ ކަމަށްބުނެ ޣާޒާގެ ބައެއް ތަންތަނަށް ވައިގެ ހަމަލާތައްވެސް ދީފައެވެ. މިފަދަ ހަމަލާތައް ދިން ނަމަވެސް މުސްލިމުން ތިބީ އެމެރިކާގެ ނިންމުންތަކަށް ދޫދޭ ގޮތަކަށް ނޫނެވެ. މަސްޖިދުލްއަޤްޞާ އާއި ޤުދުސްގެ ދިފާޢުގައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަން ތައްޔާރަށެވެ.
އިއްޔެ ވެސް މަސްޖިދުލްއަޤްޞާގައި 40،000 އަށްވުރެ ގިނަ މީހުން ހުކުރު ނަމާދުކުރިއެވެ.