ކުރިން މި މަހުގެ ފުރަތަމަ ދުވަހު ނެރެން ތާވަލުކޮށްފައިވާ ސަންޖޭލީލާ ބަންސާލީ ޑައިރެކްޓްކުރި ފިލްމު 'ޕަދްމާވަތީ' ގެ ނަން، 'ޕަދްމާވަތް' އަށް ބަދަލުކޮށްގެން އަޅުވަން ސެންސާ ބޯޑް އޮފް ފިލްމް ސެޓްފިކޭޝަންއުން ހުއްދަދީފިއެވެ.
ފިލްމު ނެރެން ތާވަލުކޮށްފައި އޮތް ތާރީޚު ނިމިގެންދިޔައިރު ވެސް ސެންސަރު ބޯޑުގައި ތާށިވެފައި އޮތް މި ފިލްމު އަޅުވަން އެންމެ ފަހުން ސެންސަރު ބޯޑުން ހުއްދަ ދިނީ ބައެއް ޝަރުތުތަކާއެކުއެވެ. އޭގެ ތެރޭގައި ފިލްމުގެ ނަން 'ޕަދްމާވަތީ' އިން 'ޕަދްމާވަތް' އަށް ބަދަލުކުރުން ހިމެނެއެވެ. އަދި ފިލްމު ބައެއް މަންޒަރުތަކާއި އަޑުތައް އުނިކުރުން ވެސް ހިމެނެއެވެ. އެ ގޮތުން ފިލްމުގެ 'ގޫމަރު' ލަވައިގެ ބައެއް ކަނޑިތައް އުނިކުރުމަށް ޝަރުތުކޮށްފައިވެއެވެ.
މި ފިލްމަކީ އިންޑިއާގެ ހިންދޫއިންގެ ރާނީއަކާއި މުސްލިމު ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކުގެ މައްޗަށް ދައްކައިދޭ ލޯބީގެ ތާރީޚީ ފިލްމެކެވެ. އިންޑިއާގެ ބައެއް ދީނީ ފިކުރުތަކުގެ ޖަމާއަތްތަކުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ މީހުން ވަނީމި ފިލްމާ މެދު ހިތްހަމަނުޖެހިފައެވެ. އެ މީހުން ބުނަމުންދިޔަ ގޮތުގައި މި ފިލްމުގައި އިންޑިއާގެ ތާރީޚު އޮޅުވާލައިފައިވާ ކަމަށެވެ.
މި ފިލްމާ ދޭތެރޭ ހިތްހަމަނުޖެހުނު ބައެއް ފަރާތްތަކުން ވަނީ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއަށާއި އެންމެ އިސް ރޯލުގައި ހުންނެވި ބަޠަލާ ދިޕިކާ ޕަދްކޯންއަށް އެކި ފަހަރު މަތިން މަރުގެ އިންޒާރުތައް ދީފައެވެ. ދިޕިކާގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވާ ބަތަލުންނަކީ ރަންވީރު ސިންގްއާއި ޝާހިދު ކަޕޫރުއެވެ.
200 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓެއް ހިމެނޭ މި ފިލްމު ސިނަމާތަކަށް ނެރެން މިހާރު ތާވަލުކޮށްފައިވަނީ 9 ފެބްރުއަރީ 2018 ގައެވެ.