ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އުމް އަލް ޤުވައިން ގައި ހުންނަ ފަހާތަނެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ މީހަކަށް އޭނާގެ މަންމަގެ މަރުގެ ޚަބަރު ލިބިގެން ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
އަނިލް ކުމާރް ގޯޕީނަތަން ގެ މަންމަ މަރުވެއްޖެ ކަމުގެ ޚަބަރު އިންޑިއާ އިން އޭނާއަށް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަންމަ މަރުވިތާ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން، އަނިލް ގެ ރަޙުމަތްތެރިން އޭނާ ކޮބާތޯ ބެލިއިރު އޭނާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރި ތެރެއަށް ވެެއްޓިފައި އޮއްވައެވެ. އޭނާ މަރުވެފައިވަނީ ފަރުޥާ ދިނުމަށް ހޮސްޕިޓަލަށް ދިޔުމުގެ މަގުމަތީގައެވެ.
އޭނާގެ ރައްޓެހިން ބުނި ގޮތުގައި، އެންމެ ބޮޑަށް ހިތާމަވާ އެއްކަމަކީ، މަންމަގެ މަރުގެ ޚަބަރު ލިބުމުން ހާޓް އެޓޭކެއް ޖެހިގެން އަނިލް ވެސް މަރުވެއްޖެކަން އޭނާގެ އާއިލާއަށް ކުރިން ނޭންގުމުންނެވެ. މަންމަ މަރުވުމުން އަނިލް އެމީހުން ކައިރިއަށް ގޮސް ހިތްވަރުދޭނެ ކަމުގެ އުންމީދުގައި އެއާއިލާ ތިއްބާ، އަނިލް ވެސް މިހާރު މިދުނިޔެ ދޫކޮށް ގޮސްފިކަމުގެ ޚަބަރު އެއާއިލާއަށް ލިބުނީ ރޭގެ ވަގުތެއްގައެވެ.
ޔޫއޭއީ ގެ މީޑިއާ ރިޕޯޓު ތަކުން ބުނާ ގޮތުގައި އަނިލް ގެ ހަށިގަނޑު މިރޭ އިންޑިއާ އަށް ފޮނުވާލެވޭނެއެވެ.