ދާދު މާޒިޔާއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ދާދު މާޒިޔާއަށް ސޮއިކޮށްފި
ފާއިތުވި ތިން ސީޒަންގައި ޓީސީއަށް ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއަށް ސޮއިކޮށްފިއެވެ.

މާޒިޔާއަށް ސޮއިކުރުމަށްފަހު، ދާދު ބުނެފައިވަނީ މާޒިޔާއަކީ ރަނގަޅު މެނޭޖްމެންޓަކާއި ހިންގުންތެރިކަމެއް އޮތް ކްލަބެއްކަމަށާއި އެފަދަ ކްލަބަކާ ގުޅުމުން ވަރަށް ބޮޑަށް އުފާކުރާކަމަށެވެ. އަދި މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެކަމަށް އުއްމީދުކުރާކަމަށް ވެސް ދާދު ބުންޏެވެ.

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ބުނީ ދާދުއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއްކަމަށާއި އެކަން އޭނާ ފާއިތުވި ސީޒަންތަކުގައި ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ދާދު ފަދަ ކުޅުންތެރިޔަކާއެކު މާޒިޔާ އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.

ދާދު މާޒިޔާއަށް ސޮއިކުރިއިރު، މިދިޔަ ސީޒަންގައި މާޒިޔާގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ މުހައްމަދު އުމައިރު ވަނީ މާޒިޔާ ދޫކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފައެވެ. އުމައިރު ނެތް ތަން ފޫބެއްދުމަށްޓަކައި ދާދުއަކީ އެންމެ ރަނގަޅު އެއް ކުޅުންތެރިޔާ ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މާޒިޔާއާއަށް ދާދު ސޮއިކުރިއިރު، މާޒިޔާއިން ވަނީ މޫސާ ޔާމީން، ސަމޫހު ޢަލީ، އަދި މުހައްމަދު އިރުފާން، އަންނަ ސީޒަންގައި މާޒިޔާގައި މަޑުކުރާ ގޮތަށް އެއްބަސްވުން އާކޮށްފައެވެ.

މިއަދު އޮންލައިން