ސަރވޭ: ނޫސްވެރިކަމުގެ ދާއިރާގަ އުޅޭއިރު، ދިމާވާ އެންމެ ދަތި ކަމަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 3މ 15ސ
ސަރވޭ: ނޫސްވެރިކަމުގެ ދާއިރާގަ އުޅޭއިރު، ދިމާވާ އެންމެ ދަތި ކަމަކީ ކޮބާ؟
މިފަހަރުގެ ސަރވޭ ރިޕޯޓު މިބިނާ ކޮށްލީ އަޅުގަނޑާއި ވަރަށް ރައްޓެހި ދާއިރާއަކަށެވެ. އަޅުގަނޑު ކުރާ މަސައްކަތުގެ ދާއިރާއަށް ޚާއްސަ ކޮށްލާ، އެހެންނިހެން ބައެއް ނޫސްވެރިންގެ ޚިޔާލުވެސް މިފަހަރުގެ ރިޕޯޓުގައި ހިމަނާލީމެވެ.

ނޫސްވެރިކަމުގެ ދާއިރާ އަކީ ވެސް ވަރަށް ގިނަ ގޮން ޖެހުންތަކަކާއި ކުރިމަތިވާ ދާއިރާއެކެވެ. ތަފާތު އެކިއެކި އުނދަގޫތަކާއި ނުދަންނަ އެކިއެކި މީސްމީހުންގެ ފާޑުކިޔުންތަކާއި ވެސް ކުރިމަތިލާން ކޮންމެ ދުވަހަކުމެ ނޫސްވެރިންނަށް ޖެހެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް "މިއަދުނޫހުން" ކުރި ސަރވޭއެއްގައި، ނޫސްވެރިކަމުގެ ދާއިރާގައި އުޅޭއިރު އެންމެ ދަތިވާ ކަމަކީ ކޮބާތޯ ބައެއް ނޫސްވެރިންނާއި ސުވާލު ކޮށްލީމެވެ.

ކުރިމަތިވެދާނެ ހަމަނުޖެހުމަކަށް ވިސްނާލާފައާއި މަސްލަޙަތައްޓަކައި، މިރިޕޯޓަށް މައުލޫމާތު ދިން ނޫސްވެރިން މަސައްކަތް ކުރާ ނޫސް އޭޖެންސީތަކުގެ ނަން ހިމަނާފައެއް ނުވާނެއެވެ. އަދި އެއްވެސް ނޫސްވެރިއެއްގެ ފުރިހަމަ ނަން ވެސް ހިމަނާފައެއް ނުވާނެއެވެ.

އަހުމަދު

"އަބުރުގެ ބިލް އާއި ހެދި ދަތިތަކަކާއި ކުރިމަތިވޭ. އެއީ އެބިލް އަށް ފަހު ސިޔާސީ ޚަބަރުތައް ލިޔާއިރު އެކި ކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހޭތީ. މީގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުން ބޭނުންވާ ވަރަށް އެއްބާރުލުން ނުލިބުމަކީ ވެސް ވަރަށް އުނދަގޫވާ ކަމެއް"

އައިޝަތު

"ބައެއް ފަހަރު ސަރުކާރުގެ ބައެއް މުއައްސަސާތަކުން ބަހެއް ނުލިބިގެން އުޅެން ޖެހުން"

ނާޒިމް

"ޝަރުޢީ ދާއިރާގެ ނޫސްވެރިއެއްގެ ގޮތުން އެންމެ ބޮޑު އުނދަގުލަކީ ގޭންގުތަކުން ބިރު ދެއްކުން. ގޭންގު މީހެއްގެ މައްސަލައެއްގައި ފޮޓޯ ޖަހާ ޚަބަރު ލިޔެފިއްޔާ ވަރަށް ގިނައިން ބިރުދައްކާ. ކޯޓު ކައިރިން ވެސް އޭގެ މީހުންނާއި ދިމާވޭ. ހަޑި އެއްޗެހި ކިޔާ އިންޒާރު ވެސް ދޭ"

އަލީ

"އެންމެ ބޮޑަށް ދަތިކަމަކާ ކުރިމަތިވަނީ ސަރުކާރުގެ ފަރާތުން. އެއީ ފިއްތުންތައް ކުރިމަތިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިފައިވާތީ"

ރަޝީދު

"ބޭނުންވާ މައުލޫމާތު ހޯދުމަށް އެކަމުގެ ޒިންމާވާ ފަރާތްތަކާއި ވާހަކަ ދައްކައިގެން، އެމައުލޫމާތު ހޯދުން"

ތުއްތު

"މުއައްސަސާތަކުން މައުލޫމާތު ހޯދުން"

އާސިމާ

"އެންމެ ދަތިވާ ކަމަކީ މައުލޫމާތު ހޯދަން ގުޅާއިރު ފޯނު ނުނަގާތީ"

އައިޝާ
"ބޭނުންވާ މައުލޫމާތު ނުލިބުން. އަދި މައުލޫމާތު ދޭން ބައެއް މީހުން ދެކޮޅު ހަދާ މީޑިއާތަކާއިމެދު ތަފާތު ކުރުންތަށް ގެންގުޅުން"

އާދަމް

"މައުލޫމާތު ހޯދަން ގުޅަން ޖެހޭ މީހުންނާއި ނުގުޅުން. ޚަބަރެއް ނުހެދޭނެ ދޯ ދެފަރާތުން ބަހެއް ނުހޯދައެއް. އެގޮތުން ބަހެއް ހޯދަން ގުޅާލާއިރު އެމީހުންނާއި ގުޅޭގޮތް ނުވުމުން ދަތިތަކެއް ކުރިމަތިވޭ. ޚާއްސަކޮށް ސަރުކާރުގެ ފަރާތުން"

އުޝޭ

"ބުނަން ބޭނުންވާ ބައެއް ބަސްތައް ނުބުނެވޭ. މީގެ އިތުރުން ކަމެއްވާ ގޮތުގެ ޚަބަރު ގެނެސްދީފިއްޔާ ބައެއް މީހުންނަށް ހީވަނީ އެކަން ޕްރޮމޯޓް ކުރަނީހެން،ގިނަ މީހުން ޚަބަރު ނުކިޔާ އެކަމާ ޖަޖް ކުރަން ފަށާ އަދިބައެއް ޚަބަރުތަކުގެ އެއްބައި ފޮރުވަން ޖެހޭ"

މިއީ ބައެއް ނޫސްވެރިންގެ ޚިޔާލެވެ. އެމީހުންނަށް ދިމާވާ ބައެއް ދަތިތަކެވެ. މިދަތިތަކަކީ ޚުދް އަޅުގަނޑަށް ވެސް، ނޫސްވެރިއެއްގެ ހައިސިއްޔަތުން ކުރިމަތިލާން ޖެހޭ ކަންތައްތަކެކެވެ.

ޚަބަރެއްގެ ހަމައެކަނި ސުރުޙީ ކިޔާލާފައި އެއީ ފާޙިޝް ޚަބަރެއް ކަމަށް ދެކި، ބައެއް ކިޔުންތެރިން އެއްޗެހި ކިޔުމާއި ދީނީ އާޓިކަލް އެއް (ޙަދީޘްތަކާއި ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނައާއި އެއްކޮށް) ލިޔުމުން ވެސް، އެއާޓިކަލް އަކަށް ހަޖޫ ޖަހާ، ލިޔުންތެރިޔާއަކީ ދީނީ އާޓިކަލް އެއް ލިޔަން ދީނީ ޢިލްމުވެރިއެއް ނޫނޭ ބުނެ ނުރުހުމުގެ ބަސްތައް ބުނެފައި ހުރުމަކީ ވެސް ކަންބޮޑުވާ ކަންކަމެވެ.

މީގެ އިތުރުން، ދިމާވާ އަނެއް ކަމަކީ، ބައެއް ކިޔުންތެރިން ވެސް އަދި އެހެނިހެން ފަރާތްތަކުން ވެސް، އެކި އެކި މީޑިއާތަކާއިމެދު ތަފާތު ކުރުން ގެންގުޅި، ބައެއް ނޫސްތަކަކީ "ކުދިކުދި ތާކުންތާކު ނުޖެހޭ" ނޫހެއް ކަމަށް ދެކި، ކިތަންމެ މޮޅު ލިޔުމެއް ލިޔެފައިވީ ނަމަވެސް އެކަން ބަލައި ނުގަތުމެވެ. ވަކި މީޑިއާތަކަކަށް ނޫނީ ބައެއް ފަރާތްތަކަށް މައުލޫމާތު ވެސް ނުދެވުމާއި ވަކި މީޑިއާތަކަކުން ލިޔާ ޚަބަރުތައް ނޫނީ ހިއްސާ ވެސް ނުކުރެވޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ.

މިއަދު އޮންލައިން