މިޞްރުގެ ޝަރުއީ ނިޒާމުގެ އަގު ވައްޓާލުމަށްޓަކައި ފާޑު ވިދާޅުވީކަމަށް ބުނެ އެ ޤައުމުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިހާރު ވެސް އެކި ތުހުމަތުތަކުގައި ޖަލުގައި ހުންނެވި މުރުސީއަށް އިތުރު ތިން އަހަރުގެ ހުކުމެއް އިއްވިއިރު، އެކަމުގައި އޭނާއާއެކު ޝަމީލްވާކަމަށް ބުނެ އިތުރު އަށާރަ މީހެއްގެ މައްޗަށް ވެސް ހުކުމް އިއްވެވިއެވެ.
މުރުސީގެ މައްޗަށް ކޮށްފައިވާ އެހެން ތުހުމަތުތަކުގެ ތެރޭގައި ޓެރަރިޒަމް އަމަލުތައް ހިންގި ކަމުގެ ތުހުމަތާއި ޓެރަރިޒަމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައިވާކަމުގެ ތުހުމަތުތައް ހިމެނެއެވެ. އެ ގޮތުން 2013 ވަނަ އަހަރު މުރުސީ ދެއްވި ޚިޠާބެއްގައި ޓެރަރިޒަމަށް ބާރުއަޅުއްވާ ވާހަކަފުޅުދެއްކެވިކަމަށް ބުނެ މުރުސީ ވަނީ 42000 ޕައުންޑްއުން ޖޫރިމަނާ ވެސް ކުރައްވައިފައެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައި މިޞްރުގެ ދައުލަތުން ވަނީ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް އެދި ޝަރީއަތުގައި ދައުވާކޮށްފައެވެ.
މުރުސީއަކީ މިޞްރުގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސްއެވެ. މިޞްރުގެ ރައީސްކަމަށް މުރުސީ އެރިތާ ގާތްގަނޑަކަށް އަހަރު ދުވަސް ފަހުން، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ މުރުސީ މަޤާމުން ވަކިކޮށްފައެވެ. އެ ޤައުމުގެ ރައީސްކަމުގައި މިހާރު ހުންނެވީ އަސްކަރިއްޔާގެ ސްޕްރީމް ކޮމާންޑާ ޢަބްދުލްފައްތާހު އަލްސީސީއެވެ.