އިންޑިއާގެ ނޫސްވެރިންނަށް 2017 ވަނަ އަހަރަކީ މަހަކަށް ނޫސްވެރިއަކު މަރައިލެވުނު "މަރުގެ އަހަރު"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އިންޑިއާގެ ނޫސްވެރިންނަށް 2017 ވަނަ އަހަރަކީ މަހަކަށް ނޫސްވެރިއަކު މަރައިލެވުނު "މަރުގެ އަހަރު"
ނިމިގެން މިދާ 2017 ވަނަ އަހަރަކީ އިންޑިއާގެ ނޫސްވެރިންނަށް ކަޅުކަން ގަދަ މަރުގެ އަހަރުގެ ގޮތުގައި އިންޑިއާގެ ބައެއް ނޫސްވެރިން ފާހަގަކުރަމުން އެބަގެންދެއެވެ.

އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ނާވާ ތަކުރިއާ ބުނެފައިވަނީ 2017 ވަނަ އަހަރަކީ އިންޑިއާގެ 12 ނޫސްވެރިއަކަށް މަރާއި ކުރިމަތިލާންޖެހުނު އަހަރެއް ކަމަށެވެ. އެހެންކަމުން ކޮންމެ މަހަކަށް ނޫސްވެރިއަކު މަރާލެވުނު ނުވަތަ ނޫސްވެރިކަމުގައި މަސައްކަތްކުރާތީ މަރުވާންޖެހުނު ކަމަށެވެ.

އޭނާ ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ވެފައި މިވަނީ ނޫސްވެރިންނަށް ބިރުވެރި ޤައުމަކަށް ކަމަށެވެ. ސީރިޔާ، މެކްސިކޯ، އަފްޣާނިސްތާން، ޔަމަން، ޕާކިސްތާން، ސޯމާލިއާ ފަދަ ދުނިޔޭގެ އެންމެ ބިރުވެރި ޤައުމުތަކުގެ ފަހަތުން އެންމެ ކުރީގައި އޮތް ޤައުމަށް ކަމަށެވެ.

ނާވާ ބުނީ ޕާކިސްތާނުގައި މިއަހަރު ޕްރޮފެޝަނަލް 8 ޖާނަލިސްޓުންނާއި މީޑިއާ ތަމްރީނު ހޯދަމުން ދިއަ ދަރިވަރަކު މަރާލާފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖެ އާއި މިޔަންމާ އަދި ބަންގްލަދޭޝްގައި އަހަރުތެރޭ ކޮންމެ ޤައުމެއްގައި ވެސް 1 ނޫސްވެރިއަކު މަރާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ޓިބެޓް، ބޫޓާން، ސްރީލަންކާ އަދި ނޭޕާލުގައި މިއަހަރު އެއްވެސް ނޫސްވެރިއަކު މަރާފައިނުވާކަންވެސް އޭނާ ފާހަގަކުރެއެވެ.

ނުސްވެރިންނަކީ ޤައުމީ ޚިދުމަތެއް ކުރާ ބައެއް ކަމާއި ނޫސްވެރިން މަރާލުމުން ރައްޔިތުންގެ ކަންބޮޑުވުން ކުޑަކަން ފާހަގަ ކުރަމުން އޭނާ ބުނީ އިންޑިއާގައިވެސް ގިނަ ބައެއްގެ ސަމާލުކަމަށް އައީ ހަމަ އެކަނި ބެންގަލޫރުގައި މަރާލެވުނު މިސް ގޯރީގެ މަރުގެ މައްސަލަ ކަމަށެވެ.

ނާވާ މިމޭރުމުން ބުނި ނަމަވެސް ރާއްޖޭގައި މިދިއަ އަހަރު ނޫސްވެރިއަކު މަރާލެވުނީ ނޫސްވެރިކަމާއި ގުޅުވައިގެންކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން