އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތް ސިޔާސީ ދާއިރާއަށް ނުކުތުމަށް ނިންމާފައިވާކަން އިއުލާންކުރައްވައިފިއެވެ.
ޓަމިލް ސިނެމާގެ ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ރަޖްނީކާންތް ބުނީ ވަރަށް އަވަހަށް އޭނާގެ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދާނެކަމަށާއި އަންނަ އިންޑިއާގެ ސްޓޭޓް އެސެމްބްލީ އިންތިޚާބުގައި އެ ޕާޓީ ބައިވެރިވާނެކަމަށެވެ.
ސިޔާސީ ދާއިރާއަށް ނުކުންނަވާނެކަން ފޭނުންނަށް އަންގަމުން ރަޖްނީކާންތް ބުނެފައިވަނީ އޭނާ އެ ކަންކުރަން ނިންމީ އެއްވެސް ހާލެއްގައި ފައިސާއެއް ޝަރަފެއް ހޯދަން ނޫންކަމަށާއި އެ ކަންކުރަން ނިންމީ އިންޑިއާގެ ސިޔާސީ ނިޒާމާއި ވެރިކަމުގެ ނިޒާމު ވަނީ ފަސާދަވެ ކޮރަޕްޝަނުން ފުރިފައިކަމަށެވެ.
ސިޔާސީ ދާއިރާއަށް ނުނުކުމެ އެއް ފަރާތެއްގައި މަންޒަރު ބަލަން ހުންނަންވެއްޖެކަމަށްވާނަމަ ފަހުން އެކަމާ ހިތާމަކުރަންޖެހޭނެކަމަށް ޤަބޫލުކުރާކަމަށް ވެސް ރަޖްނީކާންތް ބުނެފައިވެއެވެ.
ރާޖްނީކާންތްގެ މި އިއުލާނާއެކު އޭނާގެ ގިނަ ފޭންސް އިންޑިއާގެ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައިވެއެވެ.
އުމުރުން 67 އަހަރުވެފައިވާ ރަޖްނީކާންތްއަކީ މުޅި އޭޝިއާގައި ވެސް އެންމެ މަތީ އާމްދަނީ ލިބޭ އެކްޓަރުންތަކުގެ ތެރެއިން އެއް އެކްޓަރެކެވެ.