އެމެރިކާގެ ނިންމުންތަކާއި ގުޅިގެން ފަލަސްޠީނުގެ ޖެރޫސަލަމަށް ކުރިމަތިވެފައިވަނީ މުސްލިމުންނަށް ކުރިމަތިވި އިތުރު އިމްތިޙާނެއް ކަމަށާއި އެއިމްތިހާނުން މުސްލިމުން ފާސްވާންޖެހޭނެ ކަމަށް ތުރުކީގެ ރައީސް ޠައްޔިބް އުރްދުޤާން ވިދާޅުވެއްޖެއެވެ.
މީލާދީ އައު އަހަރާއި ގުޅުވައިގެން އުރްދްޤާން ވިދާޅުވީ އެމެރިކާގެ ނިންމުންތައް ނިންމި ދުވަހުން ފެށިގެން މައްސަލަތައް މިވަނީ އިތުރަށް ހޫނުވެފައިކަމަށެވެ. އަދި މިކަމުގައި ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ދައްކަމުން ގެންދާ ސާބިތުކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުން ދައްކަމުން ގެންދާ އެއްބައިވަންތަކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިކަމަކީ އެކަމެއްގެ ސަބަބުން މުޅި ދުނިޔެ، ޚާއްޞަކޮށް އަރަބި ޤައުމުތައް އިތުރު ކަންބޮޑުވުންތަކެއްގެ ތެރެއަށް ވައްޓައިލި ކަމެއް ކަމަށްވެސް އުރްދްޤާން ވިދާޅުވިއެވެ.
ރައީސް އުރްދްޤާން ވިދާޅުވީ ތުރުކީ އާއި އިސްލާމީ އުންމަތް ނެގެހެއްޓެވުމަށްޓަކައި ނިމިގެން މިދާ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވެވި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"2017 ވަނަ އަހަރު 25 ޤައުމަކަށް 34 ދަތުރުކުރިން. ތުރުކީގެ 51 ސިޓީއަކަށް 64 ދަތުރުކޮށް ރައްޔިތުންގެ ކަންކަން ބެލިން."
ޓެރަރިޒަމް ނައްތައިލެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެއްބައިވަންތަވެގެން ކަމަށްވެސް އުރްދްޤާން ވިދާޅުވިއެވެ. އަދި ތުރުކީގައި ގެންނަން އުޅުނު އަސްކަރީ އިންޤިލާބާއި ދެކޮޅަށް ރައްޔިތުން ނުކުމެ ކުރި މަސައްކަތްތައް ފާހަގަ ކުރައްވައި އުރްދްޤާން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.