ރަގްބީ ދަސްކުރަން ފްރާންސަށް ދިއަ އިންޑިއާގެ 22 ކުއްޖަކަށް ވީނުވީ ގޮތެއް ނުއެނގި ގެއްލިއްޖެއެވެ.
އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ މި ކުދިންތައް ފްރާންސަށް ގެންދިއައީ ކޮންމެ ކުއްޖެއްގެ މައިންބަފައިންގެ އަތުން 25 ލައްކަ ރުޕީސް އާއި 30 ލައްކަ ރުޕީސް އާއި ދެމެދުގެ އަދަދުތަކުން ފައިސާ ވެސް ނަގައިގެންނެވެ.
އިންޑިއާގެ ސީބީއައި ފުލުހުން ހޯދި މައުލޫމާތުން އެނގުނީ މިކުދިން ފްރާންސަށް ދިއަ ކަމާއި ހަފްތާއެއްހައި ދުވަހު ފަރިތަކުރުން ތަކުގައި ބައިވެރިވި ކަމެވެ. އެއަށްފަހު ކުދިންތަކަށް ވީގޮތެއް ނުއެނގުނީއެވެ.
ދަތުރުގައި ދިއަ 25 ކުދިންގެ ތެރެއިން 2 ކުއްޖަކަށް މައްސަލަތަކެއް ކުރިމަތިވެ ދާދިއަވަހަށް ވަނީ އަނބުރާ އައިސްފައެވެ. ފަރަންށޭސި ފުލުހުންގެ ބެލުމުގެދަށުގައި އެއް ކުއްޖަކު އެބަހުއްޓެވެ. ބެލެވޭ ގޮތުން މިހާރު ނުފެނިވާ 22 ކުދިން ވަނީ ގޮތް ނުއެނގޭ ތަނެއްގައެވެ.
ކުދިން ފޮނުވި ޓްރެވަލް އެޖެންޓުން މިހާރު ވަނީ އެކުދިންގެ އެނބުރިއަންނަ ޓިކެޓް ކެންސަލް ކޮށްފައެވެ. ފުލުހުން ގެންދަނީ ޓްރެވަލް އެޖެންސީތައް ޗެކުކުރަމުންނެވެ.
ސީބީއައި އިން ގެންދަނީ މިކަމުގައި ބައިނަލްއަޤްވާމީ އެހީ ހޯދަން މަސައްކަތްކުރަމުންނެވެ.