އިންޑިއާގެ ރައްޔިތުން ގެދޮރުވެރިކުރުވުމަށްޓަކައި ދޫކުރާ ލޯނުތައް 3 އަދި 4 އިންސައްތައިގައި ދޫކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މީލާދީ އައު އަހަރާއި ގުޅިގެން ދެއްވި ޚިޠާބުގައި މޯދީ ވިދާޅުވީ އިންޑިއާގެ ފަޤީރުންނަށް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އަދި ސަރުކާރުން ގެންދާ ގެ އަޅައިދިނުމުގެ މިފެށޭ އަހަރު 33 އިންސައްތަ އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މާބަނޑުވުމުން ކޮންމެ އަންހެނެއްގެ ބޭންކް އެކައުންޓަށް 6،000 ރުޕީސް ޖަމާކޮށްދޭނަން. ބޭނުމީ މައިންނާއި ދަރިން ވޭނުން ސަލާމަތްކުރުން. ވިހެއުމުގެ ތެރޭގައި ކުދިންނާއި މައިން މަރުވާ އަދަދު މަދުކުރަން އެހީތެރިވުން."
ދަނޑުވެރިކަމުގެ މޫސުންތަކާއި ގުޅިގެން ދަނޑުވެރިންނަށް 60 ދުވަހަށް ޚާއްޞަ ލޯން ސްކީމެއް ފަށްޓަވާނެ ކަމަށާއި އަދި ބޭންކަށް ނުގޮސް ގަނެ ވިއްކޭނެ ބޭންކް ކާޑެއް ދޫކުރައްވާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ކަޅުފައިސާ އައި ވަގުނޫޓުޖެހުމުގެ ސަބަބުން ޤައުމުގެ އިޤްޠިޞާދު ހަލާކުވެފައިވާކަމަށާއި އެކަންކަން ރަނގަޅުކުރައްވާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ. "އެނގިގެންނާއި ނުއެނގި ތިބެ މި ނުބައި އާދަތަކަށް މީހުން ތިބީ ހޭނި ނިމިފަ. ނަމަވެސް ކަންކަން ރަނގަޅުކުރެވޭނެ" މޯދީ ވިދާޅުވިއެވެ.