އިނގިރޭސިވިލާތުގެ ލިވަރޕޫލްގެ ކުޅިވަރު އެރިނާއެއްގެ ކާރު ޕާކުކުރާ ސަރަހައްދެއްގައި އަލިފާން ރޯވެ 1600 އަށްވުރެ ގިނަ ކާރު އަނދައިފިއެވެ.
މިހާދިސާ ހިނގީ އިއްޔެ އެތަނުގައި ބާއްވަން ހަމަޖެހިފައި އޮތް ބައިނަލްއަގުވާމީ އަސް ދުއްވުމުގެ ހަރަކާތްތަކެއް ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. ހާދިސާ އާއި ގުޅިގެން އެ ހަރަކާތް ވަނީ ކެންސަލްކޮށްފައެވެ.
ބެލެވޭ ގޮތުން އެއިރު އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް ވަނީ އަނދައިފައެވެ. އަލިފާންގަނޑު ފެތުރުނީ 3 ވަނަ ބުރީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވުމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.