ޗައިނާގައި އެތްދަތުގެ އުފެއްދުންތައް މަނާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 58ސ
ޗައިނާގައި އެތްދަތުގެ އުފެއްދުންތައް މަނާކޮށްފި
އެތްދަތުގެ އުފެއްދުންތަކުގެ އެންމެ ބޮޑު އެއް ބާޒާރެއް އޮންނަ ޗައިނާގައި، 1 ޖަނަވަރީ 2018 އިން ފެށިގެން އެތްދަތް އެތެރެކުރުމާއި އެފަދަ އުފެއްދުންތައް އުފެއްދުމާއި ވިޔަފާރިކުރުން މަނާކަމެއް ގޮތުގައި ކަނޑައަޅައިފިއެވެ.

ޗައިނާއިން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ ދުނިޔޭގައި މަދުވަމުން އަންނަ އެތުގެ އާބާދީއަށް ހިމާޔަތެއް ދިނުމުގެ ގޮތުންކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ވަލުގެ ދިރުންތަކާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން އަހަރެއްގެ މައްޗަށް 30000 އަށްވުރެ ގިނަ އެތް މަރާލާކަމަށްވެއެވެ.

ދުނިޔޭގެ ބާޒާރުގައި އެތްދަތުގެ އުފެއްދުންތަކުގެ އަގު ތިރިވަމުން ދިޔުމާއެކު މި އުފެއްދުންތަކުގެ ވިޔަފާރިތައް ދަމަހައްޓައިގެން މާ ބޮޑު އިޤްތިޞާދީ ކުރިއެރުންތަކެއް ލިބޭނެކަމަށް ވެސް ޗައިނާއިން ނުދެކެވެ. ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެފައިވާ ގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެތްދަތުގެ އަގު %65 ތިރިވެފައިވާކަމަށާއި އެކަމާ ގުޅިގެން ޗައިނާގައި އުފައްދަމުންދިޔަ އެތްދަތުގެ އުފެއްދުންތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި %80 ތިރިވެފައިވާކަމަށެވެ.
ޗައިނާގެ މި ނިންމުމާ ގުޅިގެން އެ ޤައުމުގައި އެތްދަތުގެ އުފެއްދުންތައް އުފައްދާ 34 ފެކްޓަރީއާއި މި އުފެއްދުންތަކުގެ ވިޔަފާރިކުރާ 138 ފިހާރައެއް ބަންދުވެގެން ދާނެއެވެ.

އެފްރިކާއިން ޗައިނާއަށް އަހަރެއްގެ މައްޗަށް 1000 ޓަނުގެ އެއްދަތް އެތެރެކުރަމުން ދިޔައެވެ. އަދި އެ އެތެރެކުރާ އެތްދަތުން އެކި ދީންތަކުގެ ބުދުތައް، ތަށި، ކަމަރު، ހެދުން، އަދިވެސް ތަފާތު އެކި ވައްތަރުގެ އުފެއްދުންތައް ޗައިނާގައި އުފައްދަމުން ދިޔައެވެ.

ޗައިނާގެ މި ނިންމުމާ ގުޅިގެން ވޯލްޑް ވައިލްޑްލައިފް ފަންޑް ފޮ ނޭޗާގެ އެފްރިކާ ޑައިރެކްޓަރު ފްރެޑް ކުމާ ވަނީ ޗައިނާއަށް މަރުހަބާ ދަންނަވާފައެވެ. ކުމާ ވިދާޅުވީ ޗައިނާގެ މި ފިޔަވަޅުގެ ސަބަބުން އެތުގެ އާބާދީ ހިމާޔާތްކުރުމަށް ކުރަމުން އަންނަ މަސައްކަތައް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައީކަމަށެވެ.

ވައިލްޑް އެއިޑް ޖަމިއްޔާގެ ސީއީއޯ ޕީޓާ ނައިޓް ވެސް ވަނީ ޗައިނާގެ މި ނިންމުމަށް މަރުހަބާ ދަންވާފައެވެ. ނައިޓް ވިދާޅުވީ އެތް ހިމާޔާތްކުރުމަށް ޗައިނާއިން އެ ނެންގެވީ ވަރަށް ފަސޭހަ ނަމަވެސް އެންމެ ބޮޑު ފިޔަވަޅުކަމަށެވެ.

ޗައިނާއިން އެތްދަތް އެތެރެކޮށް އެތްދަތުގެ އުފެއްދުން މަނާކުރި ކަމުގައިވިޔަސް ޔޫރަޕްގެ ގިނަ ޤައުމުތަކާއި އެމެރިކާގެ ގިނަ ޤައުމުތަކުގެ އިތުރުން އޭޝިއާއިން އިންޑޮނޭޝިއާ، ޖަޕާން ފަދަ ޤައުތަކުގައި ވެސް އެތްދަތް އެތެރެކޮށްގެން އެތްދަތުގެ އުފެއްދުންތައް އުފައްދައެވެ.
މިއަދު އޮންލައިން