އިންޑިއާގެ 'ޓައިމްސް ނައު' އިން އާންމުކުރި މި ތަފާސް ހިސާބުގެ ލިސްޓުގައި އަޝްފާޤު ކުރީގައި އޮތީ ޤައުމީ ޓީމަށް ކުޅުނު 78 މެޗުގައި 52 ލަނޑު ޖަހައިގެން މެޗަކަށް 0.67 ލަނޑާއެކުއެވެ.
މި ލިސްޓުގެ ދެވަނައިގައި އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާއެވެ. ބްރެޒިލްއަށް ކުޅުނު 83 މެޗުގައި 53 ލަނޑު ނޭމާ ކާމިޔާބުކުރިއިރު، އެއީ މެޗަކަށް 0.64 ލަނޑެވެ.
ލިސްޓްގެ ތިންވަނައިގައި އޮތީ ސްޕެއިންގެ ޓޮޕް ސްޓައިކަރު ޑޭވިޑް ވިޔާއެވެ. ސްޕެއިންއަށް 98 މެޗު ކުޅެ 59 ލަނޑު ވިޔާ ޖެހިއިރު، އެއީ މެޗަކަށް 0.60 ލަނޑެވެ. ހަތަރުވަނަ ލިބެނީ ބޮސްނިއާގެ އެޑިން ޑްޒެކޯއެވެ. ޑްޒެކޯ ވަނީ ބޮސްނިއާއަށް 89 މެޗު ކުޅެ 52 ލަނޑު ޖަހައިފައެވެ. އެއީ މެޗަކަށް 0.59 ލަނޑެވެ.
މި ލިސްޓުގައި އިންޑިއާގެ ސުނިލް ޗެތްރީ ވަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ ކުރި ހޯދައިފައެވެ. އިންޑިއާއަށް ޗެތްރީ ކުޅުނު 97 މެޗުގައި 56 ލަނޑު ޖަހައިގެން އޭނާ އޮތީ ލިސްޓް ފަސްވަނައިގައި، މެޗަކަށް 0.58 ލަނޑާއެކުއެވެ.
މެޗަކަށް 0.56 ލަނޑާއެކު ހަވަނައިގައި ޕޮލެންޑްގެ ޓޮޕް ސްޓައިކަރު ރޮބާޓް ލެވަންޑޮސްކީ އޮތްއިރު، ރޮނާލްޑޯ ލިސްޓްގެ ހަތްވަނައިގައި އޮތީ މެޗަކަށް 0.54 ލަނޑާއެކުއެވެ. މެސީއަށް ލިބެނީ ލިސްޓްގެ އަށްވަނައެވެ. އެއީ މެޗަކަށް 0.50 ލަނޑާއެކުއެވެ.
ވެލެންސިއާއިން ފުޓުބޯޅަ ކެރިއަރު ފެށި އަޝްފާޤު ޤައުމީ ޓީމުން ޖާގަ ހޯދީ 2004 ވަނަ އަހަރުއެވެ. 2013 ވަނަ އަހަރު ސާފް ޗެއްޕިއަންޝިޕްގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަ ލަނޑު ޖަހައި އަޝްފާޤު ވަނީ ދިވެހި ޤައުމީ ޓީމަށް އެއް މެއްޗެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް އަޝްފާޤެވެ. އަޝްފާޤު ވަނީ ސާފް ޗެމްޕިއަންޝިޕްގައި 20 ލަނޑު ޖަހައިފައެވެ. އަޝްފާޤަށް ފަހު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހީ އިންޑިއާގެ ޗެތްރީއެވެ. ޗެތްރީ ވަނީ 13 ލަނޑު ޖަހައިފައެވެ. އަޝްފާޤަކީ އެއް އަހަރެއްގައި ސާފް ޗެމްޕިއަންޝިޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ. އެއީ 2013 ވަނަ އަހަރުގައި 10 ލަނޑު ޖަހައިގެންނެވެ.
އަޝްފާޤަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހަތަރު ފަހަރު ހޯދައި، ރާއްޖޭގެ ތާރީޚުގައި ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.