އީރާނުގައި ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރާއި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި މިހައި ތަނަށް 22 މީހުން ވަނީ މަރުވެފައެވެ. 500 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ މިއީ އަދާވާތްތެރިން ސްޕޮންސަރކޮށްގެން ރައްޔިތުންގެ ބައަކު ލައްވައި ހިންގުވާ ޖަރީމާތަކެއް ކަމަށެވެ. އަދި އީރާނުގެ އެތެރެއަށް ގަދަވެގަތުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.
އެމެރިކާއިން ގެންދަނީ ފައުޅުގައި މުޒާހަރާތަކަށް ހިތްވަރުދެމުންނެވެ. ރައީސް ޓްރަމްޕު ގެންދަނީ އީރާނަށް ބަހުގެ ހަމަލާތައް ދެމުންނެވެ.
އީރާނުގައި އެމެރިކާއަށް ތާއީދުކުރާ ސަރުކާރެއް ޤާއިމުކުރަން އެމެރިކާއިން ބޭނުންވެގެން އުޅޭތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. އިޒްރޭލަށް އޮތް އެންމެ ބޮޑު ބިރަކީ އީރާނުކަމަށްވުމަކީ މިކަމުގެ އެންމެ ބޮޑު ސަބަބެވެ.
ސަރަހައްދުގައި އިޒްރޭލަށް އެންމެ ނުރައްކާތެރި ޤައުމުގެ ގޮތުގައި އޮތީ އީރާނެވެ. ލީބިޔާ އާއި އިރާޤުގެ ބާރުތައް މިހާރުވަނީ ނައްތައިލެވިފައެވެ.
އެމެރިކާއިން ދެން އެންމެ އަވަހަށް ކުރިމަތިލާނީ ތުރުކީއަށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ތުރުކީ އާއި ނުކުޅެވިގެން އުޅެނީ ރައީސް އުރްދުޤާންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށްވެސް ގިނަ ބައަކު ދެކެއެވެ.