ޗައިނާގެ ރައީސް ޒީ ޖިމްޕިންގެ ދައުވަތަކަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޫ ކަންގް ވިދާޅުވީ، ފްރާންސްގެ ރައީސް މި މަހުގެ 8 ވަނަ ދުވަހު ޗައިނާއަށް ވަޑައިގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނު ޗައިނާއަށް މި ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގައި ތިން ދުވަހު މަޑުކުރައްވާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ޚަބަރު ލިބިފައިވާ ގޮތުން، ފްރާންސްގެ ރައީސް މެކްރޯން ޗައިނާއަށް ވަޑައިގަންނަވަނީ ޗައިނާގެ ރައީސްއާއެކު ދެ ޤައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވުމަށެވެ.
މި ދެ ބޭފުޅުން ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖަރުމަނުގައި ބޭއްވި ޖީ20 ސަމިޓްގައި ވެސް ބައްދަލުކުރައްވާފައިވެއެވެ. އެހެން ނަމަވެސް މިއީ މެކްރޯ ފްރާންސްގެ ރައީސްކަން ލިބިވަޑައިގަތުމަށްފަހު، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވަން އެ ޤައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.