މުޖޭއާއި ނިޒާމްބެ މާޒިޔާއަށް ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
މުޖޭއާއި ނިޒާމްބެ މާޒިޔާއަށް ސޮއިކޮށްފި
ނިމިދިޔަ ސީޒަންގައި ކްލަބް އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖުތާޒު މުހައްމަދު (މުޖޭ) އާއި ކްލަބް ގްރީން ސްޓްރީޓްސްއަށް ކުޅުނު ވިންގާ އަހުމަދު ނިޒާމް (ނިޒާމްބެ)، މި ފެށޭ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއަށް ސޮއިކޮށްފިއެވެ.

ތ.ތިމަރަފުއްޓަށް މުޖޭއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ފެނިގެން ގޮސްފައިވާ އެންމެ ހުނަރުވެރި ވާތު ބެކަށް ކުޅޭ އެއް ކުޅުންތެރިޔާއެވެ. ފުރަތަމަ ޑިވިޝަންގައި އޭނާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ވެލެންސިއާގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އޭގެ ފަހުން، ނިމިދިޔަ ސީޒަންގައި މާލޭ ލީގުގައި ކްލަބް އީގަލްސްއަށް މޮޅު ކުޅުމެއް މުޖޭ ވަނީ ދައްކައިފައެވެ.

ފޯވާޑު ލައިންގައި އަރިމައްޗަށް ކުޅޭ ނިޒާމްބެ ވަނީ ނިމިދިޔަ ސީޒަންގެ މާލޭ ލީގުގައި ގްރީން ސްޓްރީޓްސް ދެވަނަ ހޯދުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ފަލަސްތީނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ޤައުމީ ޓީމުގެ ސްކޮޑުން ނިޒާމްބެ ވަނީ ޖާގަ ހޯދައިފައެވެ.

މި ފެށޭ އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި މާޒިޔާއިން ވަނީ މުޖޭއާއި ނިޒާމްބެގެ އިތުރުން ގްރީން ސްޓްެރީޓްސްއަށް ކުޅުނު ޑިފެންޑަރު އަހުމަދު ހަސަންއާއި ޓީސީ ސްޕޯޓްސް ކްލަބްއަށް ކުޅުނު މިޑްފިލްޑަރު ނާއިޒު ހަސަން (ދާދު) ގެނެސްފައެވެ.

ނިމިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު މުހިންމު މިޑްފިލްޑަރެއްކަމަށްވާ މުހައްމަދު އުމައިރު ވަނީ މާޒިޔާ ދޫކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއަށް ސޮއިކޮށްފައެވެ.
މިއަދު އޮންލައިން