ފަލަސްޠީނު ނައްތާލަމުން ދަނީ އަރަބިންގެ ފައިސާގަ - ވިސްނަނީ ކޮން ޤައުމަކުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ފަލަސްޠީނު ނައްތާލަމުން ދަނީ އަރަބިންގެ ފައިސާގަ - ވިސްނަނީ ކޮން ޤައުމަކުން
ޢަރަބި ޤައުމުތަކުން ބުނަނީ އެމީހުން ތާއީދުކުރަނީ ފަލަސްޠީނަށް ކަމަށެވެ. ހަމަ އެއާއިއެކު އަރަބި ޤައުމުތަކަށް ލިބޭ އާމްދަނީގެ އެންމެ ބޮޑުބައި ތަފާތު ނަންނަމުގައި ދެނީ އެމެރިކާއަށެވެ. އެމެރިކާ ނޫން އެއްވެސް ބްރޭންޑެއް ކަމުދާ ކަމަކަށް ނުވެއެވެ.

އެންމެ އަގު ބޮޑު ހަތިޔާރުން ފެށިގެން ފާޚާނާގައި ބޭނުންކުރާ ޓިޝޫ ވެސް ގަންނަން ބޭނުންވަނީ އެމެރިކާއިންނެވެ. ދަރިންނަށް ކިޔަވައިދޭން ވެސް އެމެރިކާ ނޫން ޤައުމެއް ކަމަކު ނުދެއެވެ. އެންމެ އަގު ބޮޑު ހަދިޔާތަކާއި ހަދިޔާގެ ގޮތުގައި އެންމެ ގިނަ ފައިސާ ދެނީ ޓްރަމްޕަށާއި ޓްރަމްޕުގެ ޔަހޫދީ އަނބިމީހާއަށެވެ.

އެމެރިކާއަށް އެންމެ ގިނަ ފައިސާ ލިބެނީ އަރަބި ޤައުމުތަކުންނެވެ. އެފައިސާތައް އަނބުރައި ލިބެނީ އިޒްރޭލަށެވެ. ބޭނުންކުރަނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުމަށާއި ފަލަސްޠީނު ނައްތައިލުމަށެވެ. ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އެޅުމަށެވެ.

މިއިން އެއްވެސް ކަމެއް އިޙްޞާޞް ކުރެވޭ އަރި ވެރިއަކު ހުރިކަމަކަށް ނުފެނެއެވެ. އީރާނާއި ތުރުކީ ފިޔަވައި އެމެރިކާ ކޮންމެ ކަމެއް ކުރި ނަމަވެސް އެންމެ ކުޑަމިނުން ބާރު ހުރި ބަހެއް ބުނަން ކެރޭ ޤައުމެއް އޮތްތަނެއް ނުފެނެއެވެ.

މިއީ މިއަދުގެ ހާލަތެވެ. އަރަބި ޤައުމުތަކުން ބޭނުންވަނީ ކޮންމެ ގޮތަކުން ނަަމަވެސް އެމެރިކާގެ ރުހުމެވެ. ވެރިކަން ދިފާޢުކުރުމަށް އެހީތެރިކަމެވެ. ނަމަވެސް ދައްކަނީ މާތް ﷲ ގެ ވާހަކައެވެ. ވެރިކަން ދެއްވެވީ އަދި ގެންދަވާނީ ވެސް މާތް ﷲ ކަމަށް ބުނަމުން އަރަބި ޤައުމުތަކުން ވެރިކަން ހިމާޔަތް ކުރަން ބުރަވަނީ އެމެރިކާއަށެވެ.

އަރަބި ޤައުމުތަކުން އެމެރިކާއަށް ހޭދަކުރާ މިންވަރު އިސްލާމީ ޤައުމުތަކަށް ހޭދަކުރާނަމަ މުޅި އުންމަތުގައި އޮންނާނީ އުފާ ފާގަތިކަމެވެ. އިސްލާމީ ޤައުމުތަކުގައި އޮންނާނީ ހަމަޖެހުމެވެ. ހުރިހާ އިސްލާމުން ތިބޭނީ ތަނަވަސްކަމުގައެވެ.

އަަރަބި ޤައުމުތަކުގެ މިއަދުގެ ހާލަތަކީ ހިތާމަކުރަންޖެހޭ ޙާލަތެކެވެ.
މިއަދު އޮންލައިން