ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަމާޒުހިފާފައިވާއިރު މީގެ ެތެރެއިން 25 އިންސައްތަ މީހުން ކޮންމެވެސް ސިފައެއްގައި މީލާދީ އައު އަހަރު ފާހަގަކުރި ކަމަށް ބެލެވެއެވެ. 10 އިންސައްތަ މީހުން ހަފްލާތަކުގައި ބައިވެރިވެ ބޮޑެތި ޚަރަދުތައް ކުރިކަމަށްވެއެވެ.
އިންސާނުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށް ބާރު ނުއަޅާ ދީނެއް ނެތެވެ. ފަޤީރުކަމާއި ހައިހޫނުކަން ނެތް ޤައުމެއްވެސް ނެތެވެ. އެހެން ކަމަށްވާއިރު ކޮންމެ ދީނަކާއި ގުޅުވައިގެން ނަމަވެސް މިހައި ގިނަ ބައަކު މިހައި ގިނަ ފައިސާތަކެއް އުފަލާއި މަޖަލަށް ހޭދަކޮށްލިއިރު އެންމެ ޑޮލަރެއްގެ މިންވަރު ހާލުގައި ޖެހިފައި ތިބި ރިފިޔުޖީންނަށާއި ނިކަމެތި ފަޤީރުންނަށް ހޭދަކުރިނަމަ ކިތައް ބިލިއަން ޑޮލަރު ޖަމާވެގެންދާނެބާވައެވެ!
އައު އަހަރާއި ކްރިސްމަސް ފާހަގަކުރަން ޤައުމުތަކުގައި ބޭނުންކުރާ ބަނގުރަލުގެ އަދަދު ބަލައިފާވާކަން އެނގޭކަށް ނެތެވެ. ނަމަވެސް އައު އަހަރު ފާހަގަކުރާ މީހުންގެ އަދަދުން ބަލައިފިނަމަ އެތައް ސަތޭކަ މިލިއަނަކަށް އަރާނެއެވެ.
2015 ވަނަ އަހަރު ކުރި ދިރާސާއަކުން އެނގޭ ގޮތުގައި އިނގިރޭސިވިލާތުގައި ހަފްތާއަކު އެކަނިވެސް 12 މިލިއަން ފުޅި ވައިން ބޭނުންކުރެއެވެ. މިއަށްވުރެ ގިނައިން ބޭނުންކުރާ ޤައުމުތައްވެސް އެބަހުއްޓެވެ.
ރާއްޖެއަށް ބަަލައިފިނަމަ ދިވެހިންގެ ގިނަ ބައަކު ރިޒޯޓްތަކަށް ގޮސް ބޮޑެތި ހޭދަތައް ކުރިއެވެ. މާލޭގެ ބައެއް ރެސްޓޯރަންޓްތަކުގައި ބޭއްވި ކެއުންތަކަށް ބޮލަކަށް 500 ރުފިޔާ ވެސް ހޭދަކުރިއެވެ.
މިޚަރަދުތައް ކުރި މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ މިލިއަން މީހުންގެ މަތިން ހަނދާނެއްވެސް ނެތެވެ. އެ ރޭ ވެސް ކާނެ އެއްޗެއް ނުލިބިގެން ނުކައި ނިދާފައާއި ބަނޑުހައިވެގެން ނުނިދިފައި ތިބި މީހުންގެ މަތިން ހަނދާންކޮށްލުމެއްވެސް ނެތެވެ.