ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް ކޯޗުކަމަށްވާ ޢަލީ ސުޒޭން މި ފެށޭ ސީޒަންގައި ގްރީން ސްޓްރީޓްސްގެ ކޯޗުގެ ގޮތުގައި އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ނިމިދިޔަ ސީޒަންގައި ސުޒޭން އެންމެ ފުރަތަމަ ކޯޗުކަން ކޮށްދިނީ ވިކްޓަރީ ސްޕޯޓްސް ކްލަބަށެވެ. އެހެން ނަމަވެސް، ސުޒޭންގެ އިރުޝާދުގެ ދަށުން ނުކުތް ވިކްޓަރީއަށް މާލޭ ލީގުގައި ގަދަ ހަތަރަކުން ޖާގަ ނުލިބި ދިވެހި ޕްރެމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. އެއަށްފަހުގައި، ދިވެހި ލީގުގެ ދެވަނަ ބުރުގައި ގދ.ތިނަދޫގެ ކޯޗުކަމާ ސުޒޭން ހަވާލުވިއެވެ. އަދި ދިވެހި ލީގުގެ ހަތަރުވަނަ އެ ޓީމަށް ހޯދައިދިނެވެ.
ނިމިދިޔަ ސީޒަންގައި ގްރީންގެ ކޯޗުކަމުގައި ހުރީ ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު އިބްރާހިމް (ސޮބާ) އެވެ. ސޮބާގެ އިރުޝާދުގެ ދަށުން ގްރީން ވަނީ ނިމިދިޔަ ސީޒަންގައި މާލޭ ލީގުގައި ދެވަނަ ހޯދައިފައެވެ. އެހެން ނަމަވެސް، ދިވެހި ލީގުގައި ގްރީން ފެނިގެންދިޔައީ ވަރަށް ދަށްކޮށެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހި ލީގުގެ ގަދަ ހަތަރަކުންް ގްރީންއަށް ޖާގަ ގެއްލި ޕްރެސިޑެންޓްސް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ވެސް ގްރީންއަށް ގެއްލުނެވެ. މިކަމާ ގުޅިގެން، ގްރީންއުން ވަނީ އެ ކްލަބްގެ ކޯޗުގެ މަޤާމުން ސޮބާ ވަކިކޮށްފައެވެ.
ސުޒޭންގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތަކެއް އޭނާ ހޭދަކޮށްފައިވަނީ ވިކްޓަރީއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްއާއެކުއެވެ. މި ދެ ކްލަބާއެކު ވެސް ސުޒޭން ވަނީ ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.