އީރާނުގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން އިނގިރޭސިވިލާތް މަޑުން އޮންނާތީ އިނގިރޭސިވިލާތުގައި ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.
ބޮޑުވަޒިރުގެ ގަނޑުވަރުކޮޅު ކުރިމަތީގައި އެތައް ސަތޭކަ ބައަކު ކުރި މުޒާހަރާގައި ގޮވަމުން ގެންދިއައީ އީރާނުގެ މިހާރުގެ ހާލަތަށް ބަލައި އިނގިރޭސިވިލާތުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެއްވެސް ބަހެއް ނުބުނެ މަޑުން އޮތުމަކީ އީރާނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން ގެންދިއައީ މިހާރުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށާއި ވެރިކަން ބަދަލުނުކޮށް އީރާނަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.
އީރާނުގެ ސަރުކާރާއި ދެކޮޅަށް އެ ޤައުމުގައި ކުރިއަށް ގެންދާ މުޒާހަރާ ތަކުގައި މިހާރުވެސް ވަނީ ވިއްސަށް ވުރެގިނަ މީހުން މަރުވެފައެވެ. 1000 އަސްވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައެވެ.
އީރާނުގެ އާމީ ކޮމާންޑަރު މިއަދު ބުނީ މުޒާހަރާތައް ހުއްޓުވަން އަސްކަރިއްޔާ ނުކުންނަން މިހާރު އޮތީ ތައްޔާރަށް ކަމަށާއި ޝައިޠާނާ (އެމެރިކާ) ގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެ ކަމަށެވެ.