ސައުދިއަރަބިޔާގައި ފަތުރުވެރިކަން ކުރިއަރުވަން ކުރިއަށް ގެންދާ ކަންކަމުގެ ތެރެއިން ދާރުލްއާޘާރުތައް ހުޅުވައި ހިންގުމުގެ ހުއްދަ ވަނީ އަމިއްލަ ފަރާތްތަކަށް ދީފައެވެ. އަދި މިހާރުވެސް ގެންދަނީ ހުއްދަ ދެމުންނެވެ.
މަދީނާގައި ހިންގާ ދާރުލް މަދީނާ ދާރުލްއާޘާރަކީ ކައު އިތުރު ރަސޫލާ މުހައްމަދު (ޞޢވ)ގެ ހަޔާތްޕުޅު އެންމެ ފުރިހަމައަށް ދިރާސާކުރެވެން ހުރި ދާރުލްއާޘާރެވެ. އަދި އިސްލާމް ދީން އުފެދި ކުރިއަރައިގެން އައި ގޮތާއި އިސްލާމީ ޘަޤާފަތާއިބެހޭގޮތުންވެސް މެއެވެ.
މި މިޔުޒިއަމްގައި މައި 4 ހޯލެއް ހުރެއެވެ. އެތަންތަނަކީ ބޮޑެތި މަހާސިންތާތައްވެސް ބޭއްވޭ ފެންވަރުގެ ހޯލުތަކެވެ. ހޯލުތަކުގައިވާ ބައެއް ކުރެހުންތަކުން މަދީނާގެ "ރަސޫލާ (ޞޢވ)"ގެ ޒަމާން ދައްކައިދެއެވެ.
މި ތަނަށް ވަނުމަށް 25 ރިޔާލަ ދައްކަން ޖެހެއެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށް ހުޅުވާފައި ހުންނަ މި ދާރުލްއާޘާރަށް ހައްޖުވެރިންނާއި އުމުރާވެރިންގެ އިތުރުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަޔާޕުޅާއި އިސްލާމީ ތާރީޚުގެ މައުލޫމާތު ހޯދަން ދުނިޔޭގެ ގިނަ ބައަކު ޒިޔާރަތްކުރެއެވެ.