އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލޭރީ ކްލިންޓަން އެ މަޤާމުގައި ހުންނެވި ދުވަސްވަރު، އޭނާ ހިންގާ ކްލިންޓަން ފައުންޑޭޝަންއިން ސަރުކާރާ ދެމެދު ކޮރަޕްޝަންގެ މުއާމަލާތެއް ކުރިކަމުގެ މައްސަލަ، އެމެރިކާގެ ތަހުޤީޤީ މައި އިދާރާ އެފްބީއައިން ތަހުޤީޤުކުރަން ފަށައިފިއެވެ.
އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ހިލޭރީ އެފަދަ މުއާމަލާތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު އަޅުއްވާފައެވެ. އަދި ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވިދާޅުވަމުން ގޮސްފައިވަނީ އޭނާ އިންތިޚާބުން ކާމިޔާބުވެ ބާރު ލިބިވަޑައިގެންފިނަމަ، އެކަމަނާގެ މައްޗަށް ތަހުޤީޤެއް ހިންގައި ހައްޔަރުކުރައްވާނެކަމަށެވެ.
ރައީސް އޮބާމާގެ ސަރުކާރުގައި ސެކްރެޓަރީ އޮފް ސްޓޭޓްކަން އާދަކުރެއްވި ހިލޭރީ ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕްއާ ވާދަކުރައްވާ ބަލިވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ކްލިންޓަން ފައުންޑޭޝަންގެ ތަރުޖަމާނު ކްރެއިގް މިނާސިއަން ވިދާޅުވީ ދުވަހަކަށް ފަހު ދުވަހެއް އެ ފައުންޑޭޝަނަށް ކުރަމުންދާސާބިތު ނުހިފޭ ސިޔާސީ ތަހުމަތުތައް އިތުރުވަމުންދާކަމަށާއި އެފްބީއައިއިން ތަހުޤީޤުކުރަން ފަށައިގެން އުޅޭ މައްސަލައަކީ ވެސް ހަމަ ސާބިތު ނުހިފޭ މައްސަލައެއް ކަމަށެވެ.
ކްލިންޓަން ފައުންޑޭޝަނަކީ ދުނިޔޭގައި ތިބި ފަޤީރު މީހުންނަށް އެހީވުމަށްޓަކައި ހިނގާ ޗެރިޓީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދުނީ 1997 ވަނަ އަހަރުއެވެ. އެއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވީ ބިލް ކްލިންޓަންއެވެ.