އިރުމަތީ ޖެރުސަލަމަކީ ފަލަސްޠީނުގެ ވެރިރަށަށް ހެދުމަށް ބައިނަލްއަޤްވާމީ ތާއީދު ހޯދުމުގެ މަސައްކަތް ޢަރަބި ޤައުމުތަކުން ފަށައިފިއެވެ.
އުރުދުންގެ ވެރިރަށް ޢައްމާންގައި ބޭއްވި އަރަބި ޤައުމުތަކުގެ ޚާރިޖީވަޒިރުންގެ ބައްދަލުވުމަށްފަހު ބުނެފައިވަނީ އެމެރިކާގެ ނިންމުން އޮތް ފަދައިން ޢަރަބި ޤައުމުތަކުގެ ނިންމުމަކީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށެވެ. އެކަމަށް ބޭނުންވާ ބައިނަލްއަޤްވާމީ ތާއީދު ހޯދަން ޢަރަބި ޤައުމުތަކުން މަސައްކަތްކުރާނެ ކަމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވީ މިޞުރު، ސައުދިއަރަބިޔާ، މޮރޮއްކޯ، ޔޫއޭއީ އަދި ފަލަސްޠީނުގެ ޚަރިޖީވަޒިރުންނެވެ. މިބައްދަލުވުމުގެ ކުރިން ސައުދިއަރަބިޔާގެ ޚާރިޖީވަޒީރު އަލްޖުބައިރު ވަނީ ފަރަންސޭސި ސަރުކާރާއިއެކު މަޝްވަރާކުރައްވައިފައެވެ.
ޢަރަބި ޚާރިޖީ ވަޒީރުންގެ އިތުރު ބައްދަލުވުމެއް މިމަހުގެ ފަހުކޮޅު ބާއްވަންވެސް ވަނީ ނިންމައިފައެވެ.