އީގަލްސްގެ ކުރީގެ ކެޕްޓަން އިންމަ ނިއުއަށް

ކިޔުމަށް ހޭދަވާނީ 1މ 45ސ
އީގަލްސްގެ ކުރީގެ ކެޕްޓަން އިންމަ ނިއުއަށް
ކްލަބް އީގާލްސްގެ ކުރީގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ)، މި ފެށޭ ސީޒަންގައި ނިއު ރޭޑިއަންޓްގައި ކުޅުމަށް އެ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޚަބަރު ލިބިފައިވާ ގޮތުން، އިންމައަކީ ނިއުގެ ކޯޗު އޮސްކާ ބްރޫޒޮން ވަރަށް ބޮޑަށް ޝައުޤުވެރިވާ ކުޅުންތެރިޔެކެވެ.

އީގަލްސްގައި ކުޅުނުއިރު އިންމަ ފާހަގަވެފައިވަނީ މެދުތެރޭގައި މަސައްކަތް ރޭޓު ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެ ގޮތުން، 2016 ވަނަ އަހަރު އީގަލްސްއިން ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރުމުގައި އިންމަ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

މިދިޔަ ސީޒަންގައި އީގަލްސްއަށް މާލެ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބި ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ދިވެހި ލީގުގައި ކުޅުމަށް ގދ.ތިނަދޫ ޓީމަށް އިންމަ ގުޅުނެވެ.

އިންމަ ދަނީ ފަހަކަށް އައިސް ޤަވާއިދުން ޤައުމީ ޓީމުން ވެސް ޖާގަ ހޯދަމުންނެވެ.

މި ފެށޭ ސީޒަންގައި އޭއެފްސީގެ ޖާގައެއް ހޯދާފައިވާ ނިއުއިން އެ ޓީމުގެ ސްކޮޑް ވަރުގަދަކުރުމަށްޓަކައި އިންމަގެ އިތުރުން ވަނީ މިދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު މިޑްފިލްޑަރު މުހައްމަދު އުމައިރު އަދި ވެލެންސިއާގެ ފުލްބެކް ހިޝާމް ސަލީމް (ކޮކީ) ވެސް ގެނެސްފައެވެ. ނިމިގެންދިޔަ ޔޫތް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މާޒިޔާގެ އިބްރާހިމް އަތީގު ވެސް ނިއުއިން ވަނީ ގެނެސްފައެވެ.

ނިއުއިން އަންނަނީ މިދިޔަ ސީޒަންގައި ނިއުގައި ތިބި މުހިންމު ގިނަ ކުޅުންތެރިންގެ އެއްބަސްވުން އާކުރަމުންނެވެ. އެ ގޮތުން، މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ ފާސިރު (ސެންޓޭ) އާއެކު ނިއުއިން ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށްޓަކައި ނިއުއިން ކޯޗު އޮސްކާ ބްރޫޒޮންގެ އެއްބަސްވުން އާކުރިއިރު، ބިދޭސީ ތިން ކުޅުންތެރިން ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މިއަދު އޮންލައިން