"ލީނާ" ގެ ޝޫޓިންގ މިމަހު ފަހުކޮޅު ފަށަނީ

ކިޔުމަށް ހޭދަވާނީ 1މ 6ސ
"ލީނާ" ގެ ޝޫޓިންގ މިމަހު ފަހުކޮޅު ފަށަނީ
އަނިޔާވެރިގޮތަކަށް، މީގެ 16 އަހަރުން ކުރިން، މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާއަށް "އިންސްޕަޔަރ" ވެގެން ކަމަށް ބުނެ ހަދަން ނިންމާފައިވާ ފިލްމު "ލީނާ" ގެ ޝޫޓިންގ މިހިނގާ ޖަނަވަރީ މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފިލްމުގެ ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.

މިފިލްމުގައި ހަރަކާތްތެރިވާނެ ފިރިހެން އެކްޓަރެއްގެ ނަން އަދި ހާމަ ކޮށްފައި ނުވިނަމަވެސް، ފިލްމުގައި އަޒްލީނާގެ ރޯލު އަދާ ކުރާނީ މަރިޔަމް އައްޒަ ކަން ވަނީ އިއުލާން ކޮށްފައެވެ.

މުއާ ބުނެފައިވަނީ މިފިލްމު ޝޫޓުކުރަން ހަމަޖެހިފައިވަނީ އއ. އުކުޅަހުގައި ކަމަށާއި ޝޫޓިން ފެށޭތާ މަހެއްހާ ދުވަސްތެރޭ ފިލްމުގެ މަސައްކަތް ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށެވެ.

މިފިލްމު އޮލިމްޕަސް ސްކްރީނަށް އަންނާނެ ދުވަހެއް އަދި ފައިނަލް ނުވާ ކަމަށާއި ޝޫޓިންގ ފެށުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް މުއާ ބުނެފައިވެއެވެ.

"ލީނާ" ޝޫޓްކުރުމަށް ތައްޔާރުވެފައިވާއިރު، އަޒްލީނާ ނަފީސް ގެ އާއިލާއިން ވަނީ އެފިލްމު ނުހެދުމަށް ގޮވާލާ، އެކަމާއި ޤަބޫލު ނޫންކަން ހާމަ ކޮށްފައެވެ. ނަމަވެސް މުއާ ބުނެފައިވަނީ އެފިލްމު ހަދަން އާއިލާއިން ހިތްހަމަ ނުޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މިއަދު އޮންލައިން