ފަލަސްޠީނަށް ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ދިނުމާއިއެކު އިޒްރޭލުގައި ހުރި އދ ގެ އެހީދޭ އިދާރާ އާއި ބޭރު ޤައުމުތަކުން އެހީ ލިބިގެން އެހީ ފޯރުކޮށްދޭ އެންޖީއޯތައް ބަންދުކުރަން އިޒްރޭލުން އަންގައިފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ ބުނީ އިޒްރޭލުގައި ހުރި ޔޫއެން އެޖެންސީ ފޮރ ޕަލަސްޓީނިއަން ރިފިޔުޖީސް ބަންދުކުރަން އެންގީ އެ އިދާރާއަކީ ފަލަސްޠީނަށް ބުރަވެ ކަންކަން ކުރާ އިދާރާއަކަށްވާތީ ކަމަށެވެ. އަދި އެއިދާރާއިން ގެންދަނީ ކަންކަން ނުވާވަރަށް ބޮޑުކުރަމުން ކަމަށާއި އަދި އިޒްރޭލް ނައްތައިލަން މަސައްކަތްކުރަމުން ކަމަށެވެ.
ނަތަޔާންހޫ ފަލަސްޠީނުގެ ކާފަދަރިންނަކީވެސް ރިފިޔުޖީން ކަމަށާއި އެކަމަށް ކަންބޮޑުވާން ވެސް ނުޖެހޭނެ ކަމަށެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ރިފިޔުޖީން ތިބި ނަމަވެސް ފަލަސްޠީނުގައި ތިބީ ރިފިޔުޖީން ވެސް ނޫން ކަމަށެވެ.
އިޒްރޭލުގައި ހުރި އދ ގެ އެހީދޭ އިދާރާއިން ގެންދަނީ ފަލަސްޠީނަށް ޚާއްޞަކޮށް ޣާޒާ ސްޓްރިޕަށް ބޭނުންވާ ބައެއް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އދ އަށް އެމެރިކާއިން ދޭ ޗަންދާ ކުޑަކުރުމާއި އިންސާނިއްޔަތަށް ކުރާ ހޭދަތައް ކަނޑައިލުމުން ޣާޒާއަށް ވަރަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.